ފާރިސްގެ ބަންދު އަމުރުގެ އިސްތިއުނާފް އާދިއްތަ ދުވަހު ފަށަން ހަމަޖައްސައިފި
ފާރިސްގެ ބަންދު އަމުރުގެ އިސްތިއުނާފް އާދިއްތަ ދުވަހު ފަށަން ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފައިވާއިރު، އެ މައްސަލަތައް ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރިއަށް ގެންދިޔައީ އޭނާ ހައްޔަރު ކުރުމުގެ އަމުރުގެ އިސްތިއުނާފް އަޑުއެހުމެވެ.

ފާރިސް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން ވެސް މިއަދު ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު ފާރިސް ހައްޔަރު ކުރުމުގެ އަމުރުގެ އިސްތިއުނާފް އަޑުއެހުން ދިގުލައިގެން ގޮސް، އެހެން ޝަރީއަތަކާ ފުށުއެރުމުން ފަނޑިޔާރުން ނިންމެވީ ބަންދު އަމުރުގެ އިސްތިއުނާފް އެހެން ދުވަހެއްގައި ބޭއްވުމަށެވެ.

މިހާރު ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު ބަންދު އަމުރުގެ އިސްތިއުނާފް އަޑުއެހުން ބޭއްވުމަށެވެ.

ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން މިއަދު ނިންމާލާފައިވާތީ އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބެލެވެ އެވެ.

ބަންދު އަމުރުގެ މައްސަލަތަކާއި ހައްޔަރު ކުރުމުގެ އަމުރުތަކުގެ މައްސަލަތަކަކީ އަބަދުވެސް ސިއްރު ކޮށްގެން ކުރިއަށް ގެންދާ މައްސަލަތަކަކަށް ވާތީ ފާރިސްގެ އިސްތިއުނާފް ވެސް މިއަދު ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް އަންނަނީ ހިންގަމުންނެވެ.