ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރަން ކޮންގްރެސްގެ ތާއީދެއް ނުލިބުނު
ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރަން ކޮންގްރެސްގެ ތާއީދެއް ނުލިބުނު

ސައޮ ޕޯލޯ (އޮގަސްޓް 3) - ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ ބްރެޒިލްގެ ރައީސް މިޝޭލް ޓެމާ މަގާމުން ދުރުކުރަން ފެނޭތޯ ބެލުމަށް އެ ގައުމުގެ ޕާލަމެންޓުގައި ނެގުން ވޯޓުން ސަލާމަތްވެއްޖެ އެވެ.

ރައީސް މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދު ކަމަށްވާ ކޮންގްރެސްގެ ދަށު ގޭގެ ތިންބައިކުޅަ ދެބައި ވޯޓު އިދިކޮޅު ފަރާތްތަކަށް ހޯދިފައެއް ނުވެ އެވެ. ޕާލަމެންޓުގެ 513 މެންބަރުންގެ ތެރޭން ޓެމާގެ މައްސަލަ ބަލާ ޝަރީއަތަށް ފޮނުވުމަށް ވޯޓު ދިނީ 263 މެންބަރުންނެވެ. ރައީސްއާ އެއްކޮޅަށް ވޯޓު ދިނީ 227 މެންބަރުންނެވެ. ރައީސް މަގާމުން ދުރުކުރަން 342 ވޯޓު ބޭނުންވެ އެވެ.

ކޮންގްރެސްގައި ޓެމާ އަށް އިތުބާރު ނެތް ނަމަ ހަ މަސް ދުވަހަށް އޭނާ މަގާމުން ސަސްޕެންޑް ކުރާނެ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު މަގާމުން ވަކި ކުރާނެ އެވެ.

ކޮންގްރެސްގެ ވޯޓަށް ފަހު ޓެމާ ވިދާޅުވީ ޕާލަމެންޓުން އޭނާ އަށް ދިން ތާއިދަށް ފަހު ގައުމަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް އާ ހިތްވަރަކާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ.

ޓެމާ މަގާމުން ދުރުކުރުގެ ވޯޓު ނަގަމުން ދިޔަ އިރު ޕާލަމެންޓުގެ ބައްދަލުވުމުގެ ތެރޭގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގި އެވެ. ބައެއް މެންބަރުން ތަޅާފޮޅުން ހިންގާ އަދި ފޭކް ނޫޓުތައް އެއް މެންބަރަކު އަނެއް މެންބަރަކާ ދިމާލަށް އުކާފައިވެ އެވެ.

ކޮންގްރެސްގެ މިފަހަރުގެ ވޯޓުން ޓެމާ ސަލާމަތްވި ނަމަވެސް އޭނާއާ ދެކޮޅަށް ޗީފް ޕްރޮސެކިއުޓާ އާ މައްސަލަތަކެއް ފެންމަތި ކުރާނެ ކަމަށް ބެލެވެ އެވެ. އިންސާފަށް ހުރަސް އެޅި ކަމުގެ ކުށުގައި ޓެމާއާ ދެކޮޅަށް ކޮންގްރެސްގައި އަލުން ވޯޓުލުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް ޓެމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއްގަމު މަސް ބަންދުކުރާ ކުންފުންޏެއް ކަމަށްވާ ޖޭއެންޑްއެފް އިން ރިޝްވަތުގެ ގޮތުގައި 500،000 ބްރެޒިލިއަން ރިއާލް (160،000 ޑޮލަރު) ނެންގެވި ކަމަށެވެ. މި ފައިސާއާ ހަވާލުވެފައި ވަނީ ޓެމާގެ ވަރަށް އަރިސް އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަށްވާ ރޮޑްރިގޯ ރޮޗާ ލޯރެސް އެވެ. ފައިސާ ހުރި ބްރިފްކޭސް ލޯރެސް ހިފައިގެން ދަނިކޮށް ފުލުހުން ވަނީ ވީޑިއޯ ކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށް ނުވަ އަހަރާއި ހަ މަހަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

ޕާލަމެންޓުގެ މެންބަރުން ވަނީ ޓެމާ އާއި ލޯރެސް ގައިދީން ގޮތަށް ތިބި ސޫރަތައް މަޖިލީހުގައި ބޭނުންކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ރޮޑްރިގޯ ޖެނޮޓް ވިދާޅުވީ ލޯރެސް ފައިސާއާ ހަވާލުވީ ރައީސް ޓެމާ އަށް ގެންދިއުމަށް ކަމަށެވެ. އަދި އެއީ ރިޝްވަތުގެ ގޮތުގައި ރައީސް އަށް ދޭ 38 މިލިއަން ބްރެޒިލިއަން ރިއާލް (12.1 މިލިއަން ޑޮލަރު) ގެ ފުރަތަމަ އިންސްޓޯލްމަންޓް ކަމަށް ވެސް ވިދާޅުވި އެވެ. ނުވަ މަހަށް ބަހާލައިގެން ރިޝްވަތު ފައިސާ ދެނީ ޖޭއެންޑްއެފް އަށް ވިޔަފާރީގެ ފުރުސަތުތަކެއް ފަހިކޮށް ދިނުމަށެވެ.

ބްރެޒިލްގައި ދާދި ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގައި 80 ޕަސެންޓް މީހުން ވަނީ ޓެމާގެ ކޮރަޕްޝަނުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ދިލްމާ ރޫސެފް ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މިދިޔަ އަހަރުގެ އޮގަސްޓް މަހު މަގާމުން ދުރުކޮށްފަ އެވެ. ޓެމާ ރައީސް ކަމަށް ވަޑައިގަތީ ރޫސެފް މަގާމުން ދުރުކުރުމުންނެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ރޫސެފް އެވެ. ޓެމާ އަކީ އެކަމަނާގެ ރަނިން މޭޓެވެ.

ބްރެޒިލްގެ ގާނޫނު އަސާސީގައި ބުނަނީ ވެރިކަމުގެ ދައުރުގައި ދެ އަހަރަށް ވުރެ ކުރު މުއްދަތެއް އޮއްވައި ރައީސް ވަކިވެއްޖެ ނަމަ އާ އިންތިޚާބެއްގެ ބަދަލުގައި ކޮންގްރެސް އިން ވަގުތީ ރައީސަކު އިންތިޚާބު ކުރުމަށެވެ. ބްރެޒިލްގައި އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ އެވެ.