03 އޯގަސްޓް 2017 - 11:36

ރޯމް (އޮގަސްޓް 3) – އޭއެސް ރޯމާގެ ލެޖެންޑް ފްރެންސެސްކޯ ޓޮޓީ އޭނާގެ ކެރިއަރުގެ ފަހު މެޗުގައި ބޭނުންކުރި ރޯމާގެ ޖާޒީ ޖަށްވަށް ފޮނުވާލައިފި އެވެ.
ރޯމާ އަށް 25 އަހަރު ކުޅެދިނުމަށް ފަހު ޓޮޓީ ރިޓަޔާކުރީ އިޓާލިއަން ލީގުގައި މޭ 28 ވަނަ ދުވަހު 3-2 އިން ޖެނޯއާ އަތުން މޮޅުވި މެޗަށް ފަހު އެވެ.
ޓޮޓީގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާގެ ޖާޒީ ޖަށްވަށް ފޮނުވާލީ ޖަށްވީ ދަތުރުތަކާ ބެހޭ އިޓަލީ ކުންފުންޏެއް ކަމަށްވާ އަވީވޯ އިންނެވެ. ޓޮޓީގެ ޖާޒީ ލާފައިވާ ކެޕްސޫލް ޖަށްވަށް ފޮނުވާލީ ފްރެންޗް ގިޔާނާގައި ހުންނަ ސްޓޭޝަނަކުން އުދުއްދާލި ރޮކެޓެއްގަ އެވެ.
"މިޝަން ފުރިހަމަވެއްޖެ: އަންގާރަ ދުވަހުގެރޭ ތާރީހު ލިޔެވިއްޖެ، ރޯމާ ކުޅުންތެރިއެއްގެ ގޮތުގައި ފްރެންޗެސްކޯ ޓޮޓީ ބޭނުންކުރި ފަހު ޖާޒީ ޖަށްވަށް ވަނީ ދޫކޮށްލާފައި،" ރޯމާ އިން ބުނެފައިވެ އެވެ.
އުމުރުން 12 އަހަރުގައި 1989 ވަނަ އަހަރު ރޯމާއާ ގުޅުނު ޓޮޓީ ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައި 1993 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް އެކި ދުވަސްވަރު ބޮޑެތި އޮފާތަކެއް ލިބުނު ނަމަވެސް ރޯމާ ދޫކޮށްލަން އެއްބަހެއްނުވި އެވެ. ޓޮޓީ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ މިހާރު އެ ކްލަބުގެ ޑިރެކްޓަރެކެވެ.