03 އޯގަސްޓް 2017 - 11:45

ދޯހާ (އޮގަސްޓް 3) - ގަތަރާ ދެކޮޅަށް އިގްތިސާދީ ގޮތުން ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ހަނގުރާމަ މަތީ ހަތް މަނަވަރު ގަތުމަށް ހަ ބިލިއަން ޑޮލަރުގެ އޯޑަރެއް ގަތަރުން އިޓަލީ އަށް ދީފި އެވެ.
ގަތަރުން މިކަން އިއުލާންކުރީ އިޓަލީގެ ޚާރިޖީ ވަޒީރު އެންޖެލިނޯ އަލްފާނޯއާ އެކު ދޯހާގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ އެވެ.
މިދިޔަ މަހު ވެސް ގަތަރުން ވަނީ އެމެރިކާ އިން ހަނގުރާމަ މަތީ އެފް-15 ގެ މަތިންދާ ބޯޓު ގަތުމުގެ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ހަނގުރާމަ މަތީ ބޯޓު ފަހަރު ގަތުމުގެ ބޮޑެތި އެއްބަސްވުންތަކުގައި ގަތަރުން ސޮއިކުރަމުންދާ އިރު ޖޫން 5 ވަނަ ދުވަހު ސައުދީ އަރަބިއާ އިސްވެ ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ސައުދީގެ އިތުރުން ޔޫއޭއީ، ބަހުރޭން އަދި މިސްރުން ވަނީ ގަތަރާ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަރަބި ހަތަރު ގައުމުން އެންމެ ފަހުން ބަހުރޭނުގައި ބޭއްވި ބައްދަލުވުމުން ވެސް މައްސަލަ އަށް ހައްލެއް ހޯދުމުގެ އެއްވެސް ނިޔަތެއް ނެތްކަން ދޭހަވެއްޖެ ކަމަށެވެ. އިޓަލީގެ ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށްގެން މަޝްރަހު ފިނިކުރުމަށް ގޮވާލައްވައިފަ އެވެ.