03 އޯގަސްޓް 2017 - 12:14

ޔުނިފޯމުގައި ތިބެ ސިފައިން ކުރާ ހުރިހާ އަމަލުތަކެއްގެ ޒިންމާ ނަގާނީ މުޅި މުއައްސަސާ އިން ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިތުރުފުޅު ހައްދަވައި ސިފައިންނަށް އޮޅުވާލައްވަން މަސައްކަތް ކުރެއްވި ކަމަށް ބުނެ ގާނޫނީ ބައެއް ވަކީލުންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ އެކު މިނިސްޓަރު ބައްދަލުކުރެއްވުމުން، އެންމެ ގިނަ ސިފައިން ކަންބޮޑުވުން ފާޅުކުރީ، އެމްއެންޑީއެފްގެ ލީޑަޝިޕުގެ އަމުރަށް ސިފައިން އަމަލުކުރަމުން އަންނައިރު، އޭގެ ތެރޭގައި ގާނޫނާ ޚިލާފު އަމަލުތަކަށް ދައުވާކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމާ މެދުގަ އެވެ.
އެފަދަ ހާލަތުގައި ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ސިފައިން އެދިވަޑައިގަތުމުން މިނިސްޓަރު ވިދާޅުވީ ސިފައިންގެ ޔުނިފޯމުގައި ތިބެ، އަމަލުކުރަނީ ސިފައިންގެ އިސް ވެރިންގެ އޯޑަރަށް ކަމަށްވާއިރު، ވަކިވަކި ސިފައިން ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. އެއީ މުއައްސަސާ އިން ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެފަދަ ކަންކަމަށް އެ މުއައްސަސާ އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ގާނޫނީ ބައެއް ވަކީލުން ވިދާޅުވީ މިނިސްޓަރު ވާހަކަ ދެއްކެވީ ގާނޫނުގައި ކަން އޮންނަ ގޮތާ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލުތައް ސިފައިން ލައްވައި ކުރުވަން ދެއްކެވި ވާހަކައެއް ކަމަށް ބެލެވޭ ކަމަށެވެ. ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގައި ވެސް އޮންނަ ގޮތުން، ޣައިރު ގާނޫނީ އަމުރަށް ތަބާވެ، ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގައިފި ނަމަ އެ އަމަލަށް އެ މީހަކު ޒިންމާވާން ޖެހޭ ގޮތަށް ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ކޮށްފި ނަމަ އެ މީހަކު ޒިންމާ ނަގަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެއާ އެކު ސިފައިންނާއި ފުލުހުންނަށް ވަކިން ހާއްސަކޮށް ގާނޫނުއަސާސީގައި މާއްދާއެއް އޮންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
"އެއީ ޣައިރު ގާނޫނީ އަމުރު ނުކުރުމަށާއި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް އޮންނަ މާއްދާ. ދެ ވަނަ ކަމަަކަށް، އަޅުގަނޑުމެންގެ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން، ޖިނާއީ އަމަލެއްގެ ޒިންމާ މުއައްސަސާއަކުން ނެގުމަކީ،" ހިސާން ވިދާޅުވި އެވެ.
"އޯޑިއޯގައި އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ޑިފެންސް މިނިސްޓަރު ވިދާޅުވާ އަޑު، މުއައްސަސާ އިންނޭ އެ ޒިންމާ ނަގަނީ. އެކަމަކު އެއީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން އެކަން ހިނގާ ގޮތެއް ނޫން. ޖިނާއީ ކުށެއް މީހަކު ކޮށްފި ނަމަ އަދި އެއީ މުއައްސަސާއެއްގެ ވެރިއެއް ކަމަށް ވިއަސް އަދި މުއައްސަސާއެއް ހިއްސާވާ ބައެއް ކަމުގައި ވިއަސް އެ އަމަލުގެ ޒިންމާ ނަގަން މި ޖެހެނީ ފަރުދީ ގޮތުން އެ މީހަކު."
މުއައްސަސާއަކަށް ޒިންމާ ނެގޭނެ ކަހަލަ އޮނިގަނޑެއް، ހިސާން ވިދާޅުވި ގޮތުގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ނޯވެ އެވެ. އަދި އެއީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
ޔުނިފޯމުގައި ތިބެ ސިފައިން ކުރާ ކަންކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބާރުދެއްވުމަށް، މިހާތަނަށް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވާހަކަ ދެއްކެވިއަސް، އެކި މައްސަލަތަކުގައި ސިފައިންގެ އިސް ވެރިންނާއި އޮފިސަރުންނަށް ވެސް ތަހުގީގު ހިންގައި ދައުވާ ކޮށްފައިވާ ކަން ހިސާން ފާހަގަކުރެއްވި އެވެ.
"ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި އެބަ ތިބި ސިފައިންގެ މައްޗަށް ދައުވާކޮށްފައި އެ މީހުން ޑިއުޓީގައި ތިބެގެން ހިންގި އަމަލުގެ ސަބަބުން،" ހިސާން ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން ވިދާޅުވީ 2003 ގައި މާފުށީ ޖަލުގައި ބަޑި ޖެހި މައްސަލާގައި ވެސް ވަކިވަކި ސިފައިންގެ މައްޗަށް ދައުވާކޮށް އަދަބު ދީފައިވާ ކަމަށެވެ.
މި ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، ހިތަދު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ.
މި ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާކުރީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނުތަކާ ހިލާފަށް ބަންދުކުރި މައްސަލައިގަ އެވެ. އޭގެ ތެރެއިން މޫސާ ޖަލިލާއި ޒިޔާދުގެ މައްޗަށް ކުށެއް ސާބިތެއް ނުވި އެވެ.
އިބްރާހިމް ދީދީގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސް، އަނެއްކާ އަލުން ވައްދައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.
އޭގެ އިތުރުން ނަޝީދު ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ ޝަރީއަތް ވެސް އަންނަނީ ހިނގަމުންނެވެ. އޭނާގެ މައްޗަށް ދައުވާކުރީ ގާނޫނާ ހިލާފަށް އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަންދުކުރި މައްސަލާގަ އެވެ.
ޣައިރު ގާނޫނީ އަމަލުތަކަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި ވާހަކަ ދޮގުކުރައްވައި ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވިދާޅުވީ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ސިފައިން އެ އަމަލުތަކަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އެކަން ސާބިތުކޮށްދެއްވަން އޭނާ ވަނީ ގާނޫނުއަސާސީގައި، އެކަމާ ގުޅޭ މާއްދާތައް ވެސް އާއްމުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވަނީ ތެދުފުޅަކަށް ވާ ނަމަ، އިބްރާހިމް ދީދީގެ މައްޗަށް ދެ ވަނަ ފަހަރަށް ދައުވާ އުފުލީ، ޒިންމާ ނަގާނެ މުއައްސަސާއެއް ނުފެނިގެން ކަމަށް ބެލެވޭ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
މި މަހުގެ 24 ގައި މަޖިލީހުގެ އިދާރާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޅު އަޅުވައި އެތަނަށް މެމްބަރުން ވަނުމަށް ހުރަސްއެޅުމަށް ފަހު، ގަދަކަމުން މަޖިލީހަށް ވަދެވަޑައިގަތް މެމްބަރުން އެސްއޯ ފުލުހުން ލައްވައި ގަދަކަމުން ވަނީ ނެރެފަ އެވެ. އޭގެ ފަހުން، މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި، މަޖިލީހުގެ ގަވާއިދުތަކާ ޚިލާފަށް ސިފައިން އަމަލުކޮށްފައިވާ ކަމަށް ބުނެ އެ އަމަލުތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފަ އެވެ.
އެކަމަކު ޑިފެންސް މިނިސްޓަރު އެދުވަހު ސިފައިންނަށް ވިދާޅުވީ ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.