03 އޯގަސްޓް 2017 - 12:02

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު އަޑުއެހުންތައް ފަށައި، އަޑުއެހުންތައް ނިންމާލީ ހައްޔަރު ކުރުމުގެ އަމުރުގެ އިސްތިއުނާފް މައްސަލައިގަ އެވެ.
މިއަދުގެ އަޑުއެހުމަށް ފަހު ފާރިސްގެ ވަކީލުންގެ ޓީމުން ބުނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކުރި ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮއްވައި މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ އޮތުމަށް ބަލާއިރު ފާރިސް ހައްޔަރު ނުކުރެވޭނެ ކަމަށް ހައި ކޯޓުގައި ފާހަގަކުރި ކަމަށް ވެސް ވަކީލުން ބުންޏެވެ. އަދި ފާރިސް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް ފާހަގަކުރި ކަމަށް ވަކީލުން ބުންޏެވެ.
"އަޅުގަނޑުމެން އެދުނިން ވަގުތީ އަމުރަކަށް، ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށް ދިނުމަށް. ފަނޑިޔާރުން ނިންމެވީ އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ،" ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
ފާރިސްގެ ބަންދުގެ އަމުރާ ގުޅޭ އިސްތިއުނާފް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ބަންދުގެ މައްސަލަތައް ހައި ކޯޓުގައި އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.
ފާރިސް ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ވެސް މިއަދު ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު އެހެން ޝަރީއަތަކާ ފުށުއަރާތީ ފަނޑިޔާރުން ނިންމެވީ އެ މައްސަލަ އެހެން ދުވަހަކު ކުރިއަށް ގެންދިއުމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސް ހައްޔަރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.