ލޯ އަނދިރި މީހުން މުޅި ދުނިޔޭގައި ވެސް އިތުރުވަނީ
ލޯ އަނދިރި މީހުން މުޅި ދުނިޔޭގައި ވެސް އިތުރުވަނީ

އުމުރުން ދުވަސްވީ މީހުންގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުން އަންނައިރު، ލޯ އަނދިރިވާ މީހުންގެ އަދަދު ވެސް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ލާންސިޓް ގްލޯބަލް ހެލްތުގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

މި ރިޕޯޓްގައި ބުނެފައި ވަނީ ލޮލަށް ނުފެންނަ 36 މިލިއަން މީހުން މިހާރު އެބަ އުޅޭ ކަމަށާއި، ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާ ނުކުރެވިއްޖެ ނަމަ، 2050 ވަނަ އަހަރު އަންނައިރު މި އަދަދު 115 މިލިއަނަށް އިތުރުވާނެ ކަމަށެވެ.

ހޯދުންތަކުން އެނގިފައިވާ ގޮތުގައި އަނދިރި މީހުން އެންމެ ގިނައީ ދެކުނު އޭޝިއާ އާއި ސަބް ސަހާރަން އެފްރިކާ ސަރަހައްދުގަ އެވެ.

އަނދިރި މީހުންގެ އަދަދު އަދަދުގެ ގޮތުން އިތުރުވަމުން ދިޔަ ނަމަވެސް އާބާދީގެ ނިސްބަތަށް ބަލާއިރު، އަނދިރި މީހުންގެ ޕަސެންޓޭޖް އަންނަނީ ދަށްވަމުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް އަނދިރި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ އެ މީހުންގެ ތެރޭގައި މި މައްސަލަ ބޮޑުވާނެތީ އެވެ.

* އަނދިރި މީހުންގެ އަދަދު:

- ދެކުނު އޭޝިއާގައި: 11.7 މިލިއަން

- އިރުމަތީ އޭޝިއާގައި: 6.2 މިލިއަން

- ދެކުނު އިރުމަތީ އޭޝިއާގައި: 3.5 މިލިއަން

- ސަބް ސަހާރަން އެފްރިކާ ސަރަހައްދުގެ އާބާދީގެ 4 ޕަސެންޓް

- ހުޅަނގު ޔޫރަޕްގެ އާބާދީގެ 0.5 ޕަސެންޓަށް ވުރެ މަދު އަދަދެއް

މި ދިރާސާއަށް 188 ގައުމަކުން މައުލޫމާތު އެއްކޮށްފައި ވާއިރު، އާދައިގެ ވަރަކަށް ނުވަތަ ވަރަށް ބޮޑަށް، ލޮލުގެ ފެނުމުގެ މައްސަލަ ހުރި 200 މިލިއަނަށް ވުރެ ގިނަ މީހުން އުޅޭކަން ވަނީ އެނގިފަ އެވެ. މި އަދަދު 2050 ވަނަ އަހަރުގެ ނިޔަލަށް 550 މިލިއަން އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

"ފެނުމުގައި ކުޑަ މައްސަލައެއް ހުއްޓަސް އެ މީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރޭ،" ދިރާސާގައި އިސްކޮށް ހުންނެވި، އެންގްލިއާ ރަސްކިން ޔުނިވަސިޓީގެ ޕްރޮފެސަރު ރުޕާޓް ބޯނީ ވިދާޅުވެފައިވެ އެވެ.