ވިދާ އައިފޯނު ކަވަރަކުން މީހުން ފިހެނީ
ވިދާ އައިފޯނު ކަވަރަކުން މީހުން ފިހެނީ

ދިޔާ އެއްޗެއްގެ ތެރޭގައި، ވިދާ ކަރުދާސްތަކެއް ހުންނަ އައިފޯނު ކަވަރަކުން މީހުން ފިހުމުގެ ހާދިސާތަކެއް ހިނގުމާ އެކު އެ ވިއްކުން ހުއްޓާލައިފި އެވެ.

މިކްސްބިން އެލެކްޓްރޯނިކްސް ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ މި ކަވަރުގެ ތެރޭގައި، ދިޔާ އެއްޗެއް ހުރެ އެވެ. އަދި އޭގެ ތެރޭގައި ހުންނަނީ ވިދާ ކަރުދާސްކޮޅުތަކެކެވެ. އައިފޯން 6، 6އެސް އަދި 7 އަށް ވެސް މީގެ ކަވަރު ހަދައި އެމެޒޯން އާއި އެހެން ބައެއް ވިޔަފާރިތައް މެދުވެރިކޮށް މި އަންނަނީ ވިއްކަމުންނެވެ.

ނަމަވެސް މީގެ ކަވަރުތަކުން ލީކުވެ، އޭގައި ހުންނަ ކެމިކަލް ގައިގައި ޖެހުމުން ފިހި ހަންގަނޑު ހަލާކުވުން އަދި ކެހުން ފަދަ މައްސަލަތައް ދިމާވެގެން މިހާތަނަށް 24 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް އެމެރިކާގެ ކަންސިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަނުން ބުންޏެވެ.

މީގެ ކަވަރު ހަލާކުވެ ލީކުވުމުގެ ސަބަބުން އަތާއި ފަޔާއި ކަރު އަދި ބަނޑު ފަދަ ތަންތަނަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި މީގެ ތެރެއިން އެކަކަށް ވަރަށް ބޮޑުވަރު ވެފައިވާ ކަމަށް ވެސް ކަންސިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަނުން ބުންޏެވެ.

ޕްލާސްޓިކް މި ކޭސްތައް އުފައްދާފައި ވަނީ ޗައިނާގަ އެވެ. ކަންސިއުމާ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަނުން ވަނީ މީގެ ކޭސްތައް ވިއްކުން ވަގުތުން ހުއްޓާލުމަށް އަންގައިފަ އެވެ.

މި ކޭސް އުފައްދާ ކުންފުނިން ވަނީ ބައެއް އެއްޗެހީގައި މައްސަލަ ހުރި ކަމަށް ބުނެފަ އެވެ. އަދި ގަނެފައިވާ ކޭސްގެ ރައްކާތެރިކަން ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެ ކަމަށް ބުނެފައިވެ އެވެ.