03 އޯގަސްޓް 2017 - 08:01

ޕެރިސް (އޮގަސްޓް 3) – ބްރެޒިލްގެ ތަރި ނޭމާ މަޑުކުރުވުމުގެ މަސައްކަތުގައި ބާސެލޯނާ އިން އިއްޔެ ބަލި ގަބޫލުކޮށްފައިވާއިރު ދުނިޔޭގެ ރެކޯޑް އަގަކަށް އޭނާ ފްރާންސުގެ ޕީއެސްޖީއާ ގުޅި ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޓީމުން އޭނާ ރަސްމީކޮށް އިއުލާންކުރާނެ އެވެ.

އެމެރިކާ ޓުއާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެނބުރި އައިސް އިއްޔެ ބާސެލޯނާގެ ޓްރެއިނިން ސެންޓަރުގައި އޭނާ ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އޭނާގެ ބައްޕަ އަދި އޭޖެންޓް ނޭމާ ސީނިއާ އާއި އެޑްވައިޒަރު ވެގްނާ ރިބެއިރޯއާ އެކު އެކު ޕްރައިވެޓް ޖެޓެއްގައި ޕޯޗުގަލްގެ ޕޯޓޯއަށް ވަނީ ގޮސްފަ އެވެ.

ރިބެއިރޯ ވަނީ ބާސެލޯނާއާ އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން 222 މިލިއަން ޔޫރޯ (260 މިލިއަން ޑޮލަރު) ކުރިއަށް އޮތް ވަގުތުގެ ތެރޭގައި ޕީއެސްޖީން ދައްކާނެ ކަމަށް ބުނެފަ އެވެ. މި އަދަދަކީ މިހާރު ދުނިޔޭގެ ރެކޯޑް ކަމަށްވާ ޔުވެންޓަސްގެ ޕައުލް ޕޮގްބާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ހޭދަކުރި 111 މިލިއަން ޑޮލަރުގެ ދެ ގުނައަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އަދި މިއީ 2001 ވަނަ އަހަރު ޒައިނުއްދީން ޒިދާން ގަތުމަށް ރެއާލް މެޑްރިޑުން ކުރި ހޭދައިގެ ހަތަރު ގުނަ އެވެ.

އަދި ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހިންގާ ކްލަބުން މުސާރައާ އެކު ނޭމާ އަށް ފަސް ވަރަކަށް އަހަރުގެ ތެރޭ 500 މިލިއަނެއްހާ ޔޫރޯ ހޭދަކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ޕީއެސްޖީގެ 70 ޕަސެންޓް ހިއްސާ ގަތުމަށް 2011 ވަނަ އަހަރުގެ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ކުރި ހޭދަ ކަމަށް ބެލެވޭ އަދަދުގެ އަށެއްކަ ގުނަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރިކޭ ދާދި ފަހަކާ ހަމައަށް މަސައްކަތްކުރަމުން އައި ޕޯޓޯ އަށް ނޭމާ ދިޔައީ ޕްރީ މެޑިކަލް ޓެސްޓް ހެދުމަށް ކަމަށެވެ. އޭނާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޕެރިހަށް ދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު ފައިނަލް މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު އާދީއްތަ ދުވަހު އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ތައާރަފްކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަށް ބޮޑު ރަސްމިއްޔާތެއް ޕީއެސްޖީން ޕެރިހުގެ މަގުތަކުގައި ބާއްވާނެ އެވެ.
ނޭމާ ނުވިއްކާނެ ކަމަށް ދާދި ފަހަކާ ޖެހެންދެއް ވެސް ބާސެލޯނާ އިން ބުނަމުން އައި ނަމަވެސް އެ ކްލަބުން އިއްޔެ ވަނީ އެންމެ ފަހުން ހަތިޔާރު ބަހައްޓައިފަ އެވެ.
"ނޭމާ ޖޫނިއާ، އޭނާގެ ބައްޕަ އާއި މަންދޫބުންނާ އެކު ކްލަބާ މަޝްވަރާކޮށްފި މިއަދު ހެނދުނު އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާކަން،" ބާސެލޯނާ އިން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.
ބާސެލޯނާ އިން ވަނީ އޭނާ ގެންދަން ބޭނުންވާ ޓީމަކުން ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ އެއްކޮށް ދައްކަން ޖެހޭނެކަން ނޭމާގެ އޭޖެންޓް މެދުވެރިކޮށް އަންގައިފަ އެވެ.
ކޮންޓްރެކްޓް އުވާލައިގެން ކުޅުންތެރިއާ ގެންދަން ޖެހެނީ އެ ކުޅުންތެރިއާ ވިއްކަން ނުވަތަ ވިއްކާނެ އަގަކާ މެދު ދެ ކްލަބަކަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. ބާސެލޯނާ އިން ކޮންޓްރެކްޓް އުވާލާ އަދަދު އެއްކޮށް ދައްކައިގެން ނޭމާ ގެންދެވިދާނެ ކަމަށް އިއްޔެ އިއުލާންކުރި ނަމަވެސް އިއްޔެއާ ހަމައަށް އައީ އެކަމަށް ވެސް ދެކޮޅު ހަދަމުންނެވެ. އެކަން އެގޮތުގައި އޮތް ނަމަ ޕީއެސްޖީ އަށް ޖެހޭނީ ސްޕެނިޝް ލީގު މެދުވެރިކޮށް އެ ފައިސާ ބާސެލޯނާ އަށް ދައްކައިގެން ކޮންޓްރެކްޓް އުވާލާށެވެ.
ލަލީގާގެ ރައީސް ހަވިއާ ޓެބާސް ވަނީ ޕީއެސްޖީން އެ ފައިސާ ދެއްކިޔަސް ގަބޫލުނުކޮށްފާނެ ކަމުގެ އިޝާރާތެއް ކުރިން ދެއްވައިފަ އެވެ. ސަބަބަކީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޕީއެސްޖީން އެވަރުގެ ހޭދައެއް އެ ކުރަނީ ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ހިލާފަށް ކަމަށްވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ގަވާއިދުގެ ދަށުން ކްލަބުގެ ދަރަނީގެ ވަކި އިންސައްތައަކަށް ވުރެ މަތިން ހަރަދެއް ނުކުރެވޭނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބާއި އެންމެ ވަރުގަދަ ލީގު ދޫކޮށް ފްރާންސް ލީގުގައި ކުޅެން ނޭމާ ޕީއެސްޖީ އަށް ބަދަލުވާތީ ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ ކްލަބް ދޫކޮށްލަން ބޭނުންވަނީ މެސީގެ ހިޔަނީގައި ކުޅެން ބޭނުންނުވާތީ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދަން ބޭނުންވާއިރު އެކަން ކުރެވެން އޮތީ އޭނާގެ ވަށައިގެން އެނބުރޭ ޓީމަކަށް ގޮސްގެން ކަމަށް އޭނާ ދެކޭ ކަމަށް ބެލެވެ އެވެ.
މެސީ ވަނީ އިއްޔެ ނޭމާ އަށް އަލްވަދާއުގެ މެސެޖެއް އިންސްޓަގްރަމުގައި ޝާއިއުކޮށްފަ އެވެ. ދެ ކުޅުންތެރިންގެ ފޮޓޯތަކެއް ހިމެނޭ ކުރު ވީޑިއޯކޮޅަކާ އެކު މެސީ ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ މިދިޔަ އަހަރުތައް އޭނާގެ އެކުވެރިއާ ނޭމާއާ އެކު ހިއްސާކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ހަތާތުގެ އާ ދަތުރުގައި ނަސީބަށް އެދޭ ކަމަށް ވެސް މެސީ ބުނެފައިވެ އެވެ.
"ޝުކުރިއްޔާ އެކުވެރިއާ، ވަރަށް ހަނދާން ވާނެ،" ނޭމާ ޖަވާބުދިނެވެ.
މުހިއްމު މަގާމެއް ލިބޭ ކްލަބަކަށް ބަދަލުވާން ނޭމާ ބޭނުންވިޔަސް ހަގީގަތުގައި މިކަމުގެ ފަހަތުގައި އޮތީ ފައިސާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސަބަބަކީ ނޭމާ އަށް ޕީއެސްޖީން ޓެކްސް ކަނޑާފައި އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅާފައި އޮތުމެވެ. މިއީ މިހާރު އޭނާ އަށް ލިބޭ ނުވަ މިލިއަން ޔޫރޯގެ ތިން ގުނަ އެވެ. އެކަމަކު ބާސެލޯނާ މެދުވެރިކޮށް ހޯދައިދީފައިވާ އިޝްތިހާރުތަކުން ނޭމާ އަށް ބޮޑު އަދަދެއް ލިބޭއިރު އެބައި އުނިވުމަކީ ނޭމާ އަށް ލިބޭނެ ގެއްލުމެކެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ވެސް އެ ފުރުސަތު ހޯދައިދޭނެ އެވެ.
ޕީއެސްޖީ އަށް ނޭމާ ގެންދަން އެންމެ ބޮޑަށް ބާރު އެޅީ ބެލެވޭ ގޮތުގައި އެ ޓީމުގައި ތިބި ބްރެޒިލް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ކެޕްޓަން ތިއާގޯ ސިލްވާ އާއި ދާދި ފަހުން އެ ޓީމާ ގުޅުނު ބާސެލޯނާގެ ކުރީގެ ތަރި ޑެނިއަލް އަލްވެސް ހިމެނެ އެވެ.
ޕީއެސްޖީން ނޭމާ ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން 2011 ވަނަ އަހަރު ޕީއެސްޖީ ގަނެ ޒަލަޓާން އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ އާއި ހަވިއާ ޕަސްތޯރޭ އާއި އެޑިންސަން ކަވާނީ ފަދަ ތަރިން ގެންދިޔަ ނަމަވެސް އެ އުއްމީދު ހާސިލެއްނުވި އެވެ. އަނެއްކޮޅުން މޮނާކޯ ފަދަ ޓީމުތަކުން ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތަކާ އެކު ޕީއެސްޖީގެ ވިދުން ވަނީ ފަނޑުވެފަ އެވެ.
ނޭމާ ވަނީ މެސީ އާއި ލުއިސް ސުއަރޭޒާ އެކު މިދިޔަ ތިން އަހަރު ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑް ލައިން ޕާޓްނާޝިޕެއް ގާއިމްކޮށްފަ އެވެ. އެ ތިން ކުޅުންތެރިން އެއްކޮށް ކުޅެ ސްޕެނިޝް ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކުރި އެވެ.
އެހެންކަމުން ނޭމާ ފަދަ، 186 މެޗުން 105 ގޯލް ޖަހައި 80 ލަނޑު ޖަހަން މަގުފަހިކޮށްދީފައިވާ ކުޅުންތެރިއަކު ޕީއެސްޖީގެ ފޯވާޑް ލައިނަށް ގެނައުމަކީ ދަނޑުމަތީގައި އެ ޓީމަށް ލިބޭނެ ބޮޑު ފައިދާއެކެވެ. ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އެ ކްލަބް ދެއްކުމާއި ކޮމާޝަލީ އެ ޓީމަށް ލިބޭނެ ފައިދާތައް އަދި އޮތީ އެވެ.
ބްރެޒިލުގައި ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިއާ ގެއްލުމަކީ ބާސެލޯނާގެ އިތުރުން ސްޕެނިޝް ލީގަށް ލިބޭނެ އުނި ކަމެކެވެ. އެކަމަކު މިއީ ވާދަވެރި ރެއާލް މެޑްރިޑަށް ލިބޭނެ އުފާވެރިކަމެއްކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. އޭނާ 2013 ވަނަ އަހަރު ބާސެލޯނާއާ ގުޅުނީ މެޑްރިޑުން ވެސް އޭނާ ގެންދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަނިކޮށެވެ.
މި ޓްރާންސްފާ އިން ދައްކައިދެނީ ފުޓްބޯޅައިގެ ހާލަތު ބަދަލުވެފައިވާ މިންވަރެވެ. މީގެ އަހަރުތަކެއް ކުރިން ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ބްރެޒިލްގެ ރޮނާލްޑީނިއޯ ބަދަލުވީ ކާމިޔާބީ ހޯދާށެވެ. މިހާރު ބާސެލޯނާ ދޫކޮށް ބްރެޒިލްގެ އެހެން ތަރިއަކު ކާމިޔާބީ ހޯދަން އެދަނީ ޕީއެސްޖީ އަށެވެ.