އާމިރު ހާން "ސީކްރެޓް ސްޕަސްޓާ" ގެ ޓްރެއިލާ ދައްކާލައިފި
އާމިރު ހާން "ސީކްރެޓް ސްޕަސްޓާ" ގެ ޓްރެއިލާ ދައްކާލައިފި

އާމިރް ހާން އާދައިގެ ފިލްމެއް ނުކުޅޭނެ އެވެ. އޭނާ ކިތަންމެ ކުޑަ ރޯލަކުން ފެނުނަސް އެ ފިލްމެއް ވާނީ ވަަރަށް ހާއްސަ ފިލްމަކަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒް ކުރި "ޑަންގަލް" ގެ ބޮޑު ކާމިޔާބީ އަދިވެސް ދެމެމުން އަންނަ އިރު، މިއޮތީ އަނެއްކާ ވެސް އޭނާގެ ފޭނުން އުފާވާނެ ކަހަލަ ކަމެކެވެ. އާމިރްގެ ކުރިއަށް އޮތް ފިލްމް "ސީކްރެޓް ސްޕަސްޓާ" ގެ ވާހަކަ އޭނާގެ އެހެން ފިލްމްތަކާ ހިލާފަށް އެހާ ގަދައަކަށް ނުދެކެވެ އެވެ.

ނަމަވެސް މިއޮތީ ފުރަތަމަ ފިލްމްގެ ޓްރެއިލާ އެވެ. ޓްރެއިލާ ބެލި ބައެއް މީހުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމަކަށް ވާނެ އެވެ. އަދި އާމިރުގެ ލުކްސް އަށް ބައެއް މީހުން ތައުރީފުކޮށްފައިވެ އެވެ.

"ސީކްރެކްޓް ސްޕަސްޓާ" އަކީ ލަވަ ކިޔުންތެރިއަކަށްވުމުގެ ހުވަފެން ދެކެމުން އަންނަ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ އޭނާ އަށް ހާއްސަކޮށްފައި އޮތުމުން އާމިރްގެ ރޯލަކީ މި ފަހަރު ސީދާ ލީޑް ރޯލެއް ނޫނެވެ. އަދި ހާއްސަ ފެނިލުމެއް ވެސް ނޫނެވެ. އާމިރަކީ ރޯލަކީ ފިލްމުގައި މިއުޒިކް ޑައިރެކްޓަރެއްގެ ރޯލެވެ.

މި ފިލްމްގައި އާމިރު ފެންނާނީ އެކްސްޓެންޑެޑް ކެމިއޯއަކުންނެވެ. ފިލްމުގެ މައިގަނޑު ރޯލް ކުޅެފައި ވަނީ އާމިރުގެ ދަރިއެއްގެ ރޯލް "ޑަންގަލް" ގައި ކުޅުނު ޒައިރާ ވަސީމެވެ.

"ސީކްރެޓް ސްޕަސްޓާ" އަކީ އާމިރާއި އޭނާގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށް، އަދްވައިތު ޗަންދަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ މިއުޒިކަށް ވަރަށް ބޮޑަށް ބިނާވާ އިރު، މީގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އަމިތު ތުރިވޭދީ އެވެ.

"ސީކްރެޓް ސްޕަސްޓާ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 19 ގަ އެވެ.