26 ޖޫން 2016 - 15:28

ބަޣުދާދު (ޖޫން 26) - ފައްލޫޖާ ސިޓީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ތަން އިރާގު ސިފައިން ހިފައިފި ކަމަށް ބުނެފި އެވެ.
ފައްލޫޖާ ހިފުމުގެ އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކައުންޓަ ޓެރަރިޒަމް ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ވައްހާދު އަލް ސާދީ ވިދާޅުވީ ފައްލޫގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ތަން ކަމަށްވާ ގޯލާން އަށް އިރާގު ސިފައިން ވަދެފައިވާ ކަމަށެވެ. އެހެން ކަމުން ފައްލޫޖާގެ ފުލް ކޮންޓްރޯލް އިރާގު ސިފައިންނަށް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފައްލޫޖާ މިނިވަން ކުރުމުގެ އޮޕަރޭޝަނުގައި ހަނގުރާމަވެރިންގެ 1،800 މީހުން މަރާލާފައިވާ ކަމަށް ވެސް ސާދީ ވިދާޅުވި އެވެ.
ފައްލޫޖާ އިރާގު ސިފައިން ހިފީ 2014 ވަނަ އަހަރު އެވެ. އަންބާރު ޕްރޮވިންސްގެ ފައްލޫޖާ އަކީ އައިއެސްގެ ބާރުގެ ދަށަށް ދިޔަ އިރާގުގެ ފުރަތަމަ ސިޓީީ ވެސް މެ އެވެ. އޭގެ ފަހުން އިރާގުގެ އުތުރާއި ހުޅަނގުން އަދި ސީރިއާގެ އިރުމަތިން ބޮޑު ސަރަހައްދެއް ވަނީ އައިއެސް އިން ހިފައިފަ އެވެ. އެކަމަކު މި ދެ ގައުމުން ވެސް އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަން ވަނީ އެ މީހުންގެ އަތް ދަށުން ގެއްލިފަ އެވެ.
އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ މި މަހު ކުރީކޮޅު ވަނީ ފައްލޫޖާ މިނިވަން ކުރެވިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އޮތީ މޮސޫލް ހިފުން ކަމަށް ވެސް އަބާދީ ވިދާޅުވި އެވެ.
ނޯވޭޖިއަން ރެފިއުޖީސް ކައުންސިލުން ބުނީ ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން ފެށި ފަހުން ވަރަށް ގިނަ މީހުން އެ ސިޓީ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަަދި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަ ކުދިންގެ ތެރޭން ގިނަ ބަޔަކު ވަނީ ގަދަ ހޫނުގައި ހާމަ ތަންތަނުގައި ދިރިއުޅެން ޖެހިފައި ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.