ސިފައިންގޭގައި އެކަކު ވެސް ތަހުގީގަށް ބަންދެއް ނުކުރޭ: އެމްއެންޑީއެފް
ސިފައިންގޭގައި އެކަކު ވެސް ތަހުގީގަށް ބަންދެއް ނުކުރޭ: އެމްއެންޑީއެފް

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުވި މައްސަލައިގައި ސިފައިންގެ މަރުކަޒަށް ގެންދިޔަ ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައިވާ ކަމަށް ދައްކާ ވާހަކަތައް އެމްއެންޑީއެފުން މިރޭ ދޮގުކޮށްފި އެވެ.

އޯޑިއޯ ލީކުވި މައްސަލައިގެ ތަހުގީގަށް ސިފައިންގެ މަރުކަޒަށް ގެންދިޔަ އެސްޕީޖީގެ އޮފިސަރުންތަކެއްގެ ހަބަރެއް ނުވެގެން އާއިލާތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މިކަމާ ގުޅިގެން އެންއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސިފައިންގެ މަރުކަޒުގައި ގިނަ އަދަދެއްގެ ސިފައިން ބަންދުކޮށްފައި ތިބި ކަމަށް ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ. އެފަދަ ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިން ބަންދުކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯޑިއޯ ލީކުވުމާ ގުޅިގެން އެސްޕީޖީ އޮފިސަރުންގެ ފޯނު ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ އަމަލަކީ ބިރު ދެއްކުން ކަމަށް ވިދާޅުވެ އެކަން ހުއްޓައިލުމަށް ނަޝީދު ގޮވާލައްވާފައިވެ އެވެ.

ސޯޝަލް މީޑިއާގައި އެއް ބަޔަކު ބުނާ ގޮތުގައި، 59 އޮފިސަރެއްގެ ފޯނު ހިފަހައްޓައި، އޯޑިއޯ ލީކުކުރީ ކާކުތޯ ދަނީ ބަލަމުންނެވެ.

ލީކުވެފައިވާ އޯޑިއޯގައި މިނިސްޓަރު ވާހަކަ ދައްކަވަނީ، މަޖިލީހުގެ އިދާރާގައި ސިފައިން ތަޅު އެޅުވުމާއި މަޖިލީހަށް މެމްބަރުން ވަނުމަށް ސިފައިން ހުރަސްއެޅުން ދިފާއު ކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. މަޖިލީހަށް ގަދަކަމުން ވަންނަވައި ގޯސް ހެއްދެވީ މެމްބަރުން ކަމަށާއި އެހެންވެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގު އަވަހަށް ނިންމައިދޭން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ.

ސިފައިން ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، ވަކިވަކި ސިފައިންގެ މައްޗަށް ދައުވާކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީ އެކަމުގެ ކަންބޮޑުވުން ސިފައިން ފާޅުކުރުމުން ވެސް މިނިސްޓަރު ވިދާޅުވީ ޔުނިފޯމު އަޅައިގެން ޑިއުޓީގައި ތިބޭ ސިފައިން ކުރާ ކަންކަމުގެ ޒިންމާ ނަގާނީ މުޅި މުއައްސަސާ އިން ކަމަށެވެ. އެކަމަށް އެ މުއައްސަސާ އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.