02 އޯގަސްޓް 2017 - 20:07

މިވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ކޫސަނި ކަންކަމުގައި ހިޔާލުތަފާތުވެ ޖަޒުބާތީވާންވީ ވަގުތެއް ނޫން ކަމަށާއި ހިތްވަރު ދެ ގުނަކުރަންވީ ވަގުތު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީކުވެފައިވާ ވައިބާ މެސެޖުތަކުން އެނގޭ ގޮތުގައި، އެމަނިކުފާނު މިހެން ވިދާޅުވީ އެ ގްރޫޕުގައި މެމްބަރުންނާ މިއަދު މެންދުރު ބަދަލު ކުރެއްވި މެސެޖުތަކެއްގަ އެވެ.
އެނގިފައިވާ ގޮތުގައި، ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން އިވެންޓަކާ ގުޅޭ ދައުވަތެއް ވައިބާ ގްރޫޕަށް ފޮނުއްވުމުން، އެކަމާ މެދު ސުވާލު އުފައްދައި، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އެއްޗެއް ވިދާޅުވުމުންނެވެ.
މެމްބަރު ޔާމީން ގްރޫޕަށް ފޮނުއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ހުންނަވައި ހިންގަވާ ކެމްޕޭން އޮފީހުން ހުކުރު ދުވަހުގެ ހަވީރު ބާއްވަން ނިންމާފައިވާ އުދުހުމުގެ ހަރަކާތުގެ ދައުވަތެވެ. ޕާލަމެންޓްރީ ގްރޫޕުގެ އެކި މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވާފައި ތިބިއިރު ޔާމީން އެ ދައުވަތު ފޮނުއްވީ ކީއްވެތޯ އަސްމާ ސުވާލު އުފެއްދެވި ކަން އެނގިފައިވެ އެވެ.
މި މެސެޖު ޑިލީޓްކޮށްފައިވީ ނަމަވެސް، މެމްބަރުން ހިޔާލުތަފާތުނުވުމަށް ރައީސް އެދިވަޑައިގެންނެވީ އެކަމާ ގުޅިގެން ކަމަށް ވެ އެވެ.
ރައީސް އެގޮތަށް އެދިވަޑައިގަތުމާއެކު، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ލިއުއްވި މެސެޖުގައި ވިދާޅުވީ "މީހަކު ކިޔާނެ ކަމަށް ނުބަލައި ބައިވެރިވަމާ" ކަަމަށެވެ. އޭނާ އެ ވިދާޅުވީ ދައުވަތަކަށް ނުބަލައި މެމްބަރުން ބައިވެރިވާން އެދޭ ވާހަކަ ކަމަށް ބެލެވެ އެވެ.
"މިއީ އެންމެންގެ މަސައްކަތް. ބޭނުމީ 2018 ގައި ރައީސް ޔާމީނަށް ކާމިޔާބުކުރުން،" އޭނާ ވިދާޅުވި އެވެ.
ޖަމީލު އުސްމާނުގެ މެސެޖަށް މަޒާޖީގޮތެއްގައި ރައްދު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި "ގއ. ގދ. ގެ ބަނދަރުތައް އަމާނެއް ނޫނެ"ވެ.
އެއާވިދިގެން، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޓީމެއްގެ ގޮތުގައި ބުރަކޮށް، މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވި ގޮތުގައި ބަނދަރުތަކުގައި ހައްލުކުރަން ހުރި ކަންކަން އެނގޭނީ، އޮޑިތައް ބަނދަރުތަކަށް ލަފައިގެންނެވެ. ދަތުރު އަވަސް ކުރަން ޖެހޭ ކަމަށާއި "ކޮޅިގަނޑު" އޮތީ ވަރަށް ކައިރީގައި ކަމަށް ވެސް ވިދާޅުވި އެވެ.
އޮޑި ފައްތާލާފައި ބަޔަކު ދިޔަ ނަމަވެސް ހިތްވަރު ދެ ގުނަ ކުރަން ޖެހޭ ރައީސް ވިދާޅުވުމުން ޖަމީލް އުސްމާނު ވިދާޅުވީ އޮޑި ފައްތާލަން ބަޔަކު އުޅުނީ ކަމަށެވެ. އޮޑި އަދިވެސް ގަދަ ކަނޑުގައި ދުއްވަމުން ދަނީ ފުލް ސްޕީޑުގައި ފެންނަން އޮތް އަމާން ބަނދަރަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރުން ހިޔާލުތަފާތު ނުވުމަށް ރައީސް އެދިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރަކު ސޮއިކުރައްވައި ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ. މިއާއެކު، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ އަށް މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.
މަސީހުގެ މަގާމު ދިފާއުކުރަން ސަރުކާރުން އެތަކެއް "ގުރުބާނީއެއް" ވަމުންދާއިރު، އޭނާ މަގާމުގައި ހުންނެވުމާ ދެކޮޅު މެމްބަރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި އަދިވެސް އެބަތިއްބެވި އެވެ.