02 އޯގަސްޓް 2017 - 17:59

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ އެ ދައުވާގެެ ކުރީގެ ދެ އަޑުއެހުން ވެސް ބާއްވާފައިވަނީ ސިއްރު ކޮށްގެންނެވެ. ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދަން ގާސިމްގެ ވަކީލުން އެދިފައި ވިޔަސް މާދަމާ މެންދުރު ބާއްވާ އަޑުއެހުމަކީ އާންމުކޮށް ހުޅުވާލާފައިވާ އަޑުއެހުމެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ގާސިމަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ. އެކަމަކު ބައެއްް ހާލަތްތަކުގައި ޖަލު ހުކުމް ޖޫރިމަނާ އަށް ނުވަތަ ގޭ ބަންދަށް ބަދަލު ކޮށްދިނުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.
އެ މައްސަލަ ކުރިން ކޯޓުގައި ހިނގަމުން ދަނިކޮށް ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެން އެ މައްސަލަ ކޯޓުން ބޭރުކޮށްލި އެވެ. ދައުލަތުން އެ މައްސަލަ އަލުން ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދާނީ ކުރިން އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން ކަމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.