02 އޯގަސްޓް 2017 - 16:21

ޑާކާ (އޮގަސްޓް 2) - އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިންގެ އޮޕަރޭޝަނެއް ބަންގްލަދޭޝްގެ ޑޮކްޓަރުން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
މިއީ ބަންގްލަދޭޝްގައި ކުރި މި ބާވަތުގެ ފުރަތަމަ އޮޕަރޭޝަނެވެ. އުމުރުން 10 މަހުގެ ތޯފާ އާއި ތަހުރާ ވިހެއި އިރު ވަނީ އުނަގަނޑުން ގުޅިފަ އެވެ. ގާތްގަނޑަކަށް 24 ވަރަކަށް ޑޮކްޓަރުންގެ ޓީމަކުން އެ އޮޕަރޭޝަން ކުރީ ޑާކާގައި ހުންނަ ބަންގްލަދޭޝްގެ އެންމެ ބޮޑު ހޮސްޕިޓަލުގަ އެވެ.
ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރު އަބްދުލް ހަނީފް ވިދާޅުވީ ނުވަ ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
"މިއީ އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިން ވަކިކުރުމަށް ބަންގްލަދޭޝްގައި ކާމިޔާބުކަމާ އެކު ކުރި ފުރަތަމަ އޮޕަރޭޝަން،" ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ޑޮކްޓަރު ހަނީފް ވިދާޅުވި އެވެ. "މިއީ ބަންގްލަދޭޝްގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ސިއްހީ ކާމިޔާބެއް. މިއީ ވަރަށް އުނދަގޫ އޮޕަރޭޝަނެއް."
އޭނާ ވިދާޅުވީ ދެ ކުދިންގެ އެތެރެ ހަށީގެ ގުނަވަންތައް ރީސްޓްރަކްޗާ ކުރުމަށް އިތުރު ދެ އޮޕަރޭޝަން އަދި ކުރަން ޖެހޭ ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޝަހްނޫރް އިސްލާމް ވިދާޅުވީ ދެ ކުދިން ވަކިކުރުމަށް ކުރި އޮޕަރޭޝަން 100 ޕަސެންޓް ކާމިޔާބު ކަމަށާއި އެކަމަކު އެ ކުދިންގެ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދުނު ނުދިނުމަށް އައިސީޔޫގައި ދުވަސްކޮޅަކު ބާއްވާނެ ކަމަށެވެ.
ބަންގްލަދޭޝްގެ ޑޮކްޓަރުން މިހާރު ތައްޔާރުވަމުން ދަނީ ބޮލުގެ ނާށިގަނޑުން ގުޅިފައިވާ ދެ ކުދިން ވަކިކުރުމުގެ ބޮޑު އޮޕަރޭޝަނަކަށެވެ. ވަރަށް އުނދަގޫވާނެ ކަމަށް ބެލެވޭ އެ އޮޕަރޭޝަން ކުރުމުގެ ކުރިން ބަންގްލަދޭޝްގެ ޑޮކްޓަރުން މިހާރު ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ސިއްހީ ތަޖްރިބާކާރުންގެ ލަފާ ހޯދަމުންނެވެ. ޑޮކްޓަރުން މިހާރު ދަނީ މީގެ އަހަރެއްހާ ދުވަސްކުރިން އުފަންވެފައިވާ ދެ އަންހެން ކުދިން ހިއްސާ ކުރަނީ އެއް ސިކުނޑިއެއްތޯ ބަލަމުންނެވެ.
ބަންގްލަދޭޝްގައި 2008 ވަނަ އަހަރު އުފަންވި ދެ ކުދިން ވަނީ ބޮލުން ގުޅިފަ އެވެ. ނަމަވެސް ދެ ދުވަސްތެރޭ އެ ދެ ކުދިން ވަނީ މަރުވެފަ އެވެ.