02 އޯގަސްޓް 2017 - 15:39

ވޮޝިންޓަން (އޮގަސްޓް 2) - ނޯތު ކޮރެއާ އިން ނިއުކްލިއާ މިސައިލް އުފެއްދުމުގެ ފުރުސަތު ދިނުމަށް ވުރެ ބޮޑަށް އެ ގައުމު ނައްތާލުމުގެ ހަނގުރާމައަކަށް ތައްޔާރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ އަރިހު ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ ރިޕަބްލިކަން ސެނެޓަރެއް ކަމަށްވާ ލިންޑްސޭ ގްރެހަމް ވިދާޅުވެއްޖެ އެވެ.
އެންބީސީގެ ޓުޑޭ ޝޯގައި ވާހަކަ ދައްކަވަމުން ގާނޫނު ހަދާ މަޖިލީހުގެ ނުފޫޒު ގަދަ މެންބަރު ވިދާޅުވީ ނޯތު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެއީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމު ނައްތާލުމުގެ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
ގްރެހަމް ވިދާޅުވީ ނޯތު ކޮރެއާގެ އަވަށްޓެރި ޗައިނާ ފަދަ ގައުމުތަކުން ޑިޕްލޮމެޓިކް ގޮތުން ކުރާ މަސައްކަތުން ހައްލެއް ނުހޯދިއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުން ނޫން ގޮތެއް އެމެރިކާ އަށް ނޯންނާނެ ކަމަށެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިދިޔަ ހަފުތާގައި ވަނީ އެމެރިކާގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ކިމް އެހެން ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން ޓެސްޓްކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަށް ފަހު އެވެ.
"ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އެމެރިކާ އަށް ހަމަލާ ދިނުމަށް ނޯތު ކޮރެއާ އިން މަސައްކަތް ކުރާ ނަމަ ހަމަޔަގީނުން ވެސް ހަނގުރާމައެއް ފެށިގެން ދާނެ،" ޓްރަމްޕާ އެކު ކުރެއްވި މަޝްވަރާއާ ގުޅޭ ގޮތުން ގްރެހަމް ވިދާޅުވި އެވެ.