"ސުޕަބަގް" އާ ދެކޮޅު ހަނގުރާމައިގެ ހަތިޔާރަކަށް އަލަނާސި
"ސުޕަބަގް" އާ ދެކޮޅު ހަނގުރާމައިގެ ހަތިޔާރަކަށް އަލަނާސި

އަލަނާސި އަކީ އަނގަޔަށް މީރު މޭވާއެއްގެ އިތުރުން ގިނަ ގުނަ ސިއްހީ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ސައިންސްވެރިން މިހާރު ގަބޫލުކުރާ ގޮތުގައި ބޭހަށް ނުގުޑާ ވަރުގަދަ ބެކްޓީރިއާ ނުވަތަ ޑްރަގް ރެސިސްޓެންޓް ސުޕަބަގް އާ ހަނގުރާމަކުރުމަށް އަލަނާސީގެ ބޭނުން ހިފިދާނެ އެވެ.

އަލަނާސީގެ މޫގަނޑާއި ތަނޑިން ފެނިފައިވާ އެންޒައިމްތަކަކީ މި ހަނގުރާމައިގައި ސައިންސްވެރިންނަށް ބޭނުންކުރެވިދާނެ ވަރުގަދަ ހަތިޔާރެއް ކަމަށް މިހާރު ގަބޫލު ކުރެ އެވެ.

އެންޓިބައޮޓިކަށް ނުގުޑާ ޖަރާސީމުގެ ސަބަބުން، 2050 ވަނަ އަހަރާ ހަމައަށް މުޅި ދުނިޔޭން 10 މިލިއަނަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. އެހެންކަމުން މި ސުޕަބަގާ ހަނގުރާމަކުރާނެ ފަރުވާއެއް ހޯދުމަށް ސައިންސްވެރިން މިހާރު ދަނީ ފިކުރު ކުރަމުންނެވެ.

މިހާރު އޮސްޓްރޭލިޔާގެ ސައިންސްވެރިންނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުން އަލަނާސީގައި ހުންނަ އެންޒައިމްތަކަކީ އޫރަށް ޖެހޭ ބޭރަށް ހިންގުމަކަށް ފަރުވާ ލިބޭ އެއްޗެކެވެ. މި ހޯދުން މިހާ މުހިއްމު ވީ އޫރާއި އިންސާނުންގެ އެނަޓަމީ އާއި ފިޒިއޮލޮޖީގެ އެއްގޮތްކަން ބޮޑުވީމަ އެވެ.

ޑޮކްޓަރުން އުންމީދުކުރަނީ މި ހޯދުނު އާ އެންޒައިމްތަކަކީ އިންސާނުންގެ ހަށިގަނޑުގައި އަށަގަންނަ ބެކްޓީރިއާތަކާ ހަނގުރާމަކުރުމަށް އެއްކުރެވޭ ހަތިޔާރުތަކުގެ ތެރެއަށް އިތުރު ކުރެވިދާނެ ބާރުގަދަ ހަތިޔާރެއް ކަމަށެވެ.

އޮސްޓްރޭލިޔާގެ މެލްބަންގެ ލާޓްރޯބް ޔުނިވަސިޓީގެ ބައޮކެމިސްޓް ރޮބް ޕައިކް މެއިލްއޮންލައިން އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އޫރު ބޭރަށް ހިންގުމަށް މި އެންޒައިމުން އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދެވުމަކީ އިންސާނުންނަށް ވެސް މި ފަރުވާ އިން ފައިދާކޮށްފާނެކަމުގެ ހެއްކެއް ކަމަށެވެ.

"އެންޓިބައޮޓިކްސްގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ސަބަބުން ޖަރާސީމަށް ނުގުޑަން ދިމާވަނީ. އަދި މިކަމުގެ ސަބަބުން "ސުޕަބަގްސް" ގިނަވާގޮތް ވަނީ. އެހެންކަމުން އެންޓީބައޮޓިކްސްގެ ބަދަލުގައި ބޭނުންކުރާނެ އެހެން އެއްޗެއް މިފަދަ މަލްޓި-ޑްރަގް ރެސިސްޓެންޓް ބެކްޓީރީއާ ހަނގުރާމައަށް ނެރެވިއްޖެނަމަ އެއީ ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެ،" ބައޮކެމިސްޓް ވިދާޅުވެފައިވެ އެވެ.

ހަށިގަނޑުގައި އަށަގަންނަ ޖަރާސީމުތަކަށް އެންޓިބައޮޓިކްގެ ފަރުވާ އަމާޒުކުރި ނަމަވެސް އަލަނާސިން މި ހޯދި ތިން އެންޒައިމްގެ ފަރުވާ އޫރަށް ދިނުމުން ބެކްޓީރިއާތަކަށް އޭތީގެ ބަނޑުގައި ތަތްކޮށްލައިގެން ތިބެވޭގޮތެއް ނުވި އެވެ. އެހެންވެ ވަރަށް ފަސޭހައިން ބޭރަށް ހިންގުން ހުއްޓުނެވެ.

ޕްރޮފެސަރު ޕައިކް ގަބޫލުކުރައްވާ ގޮތުގައި މިއީ ގޮހޮރުގައި ޖަރާސީމު އަށަގަތުމުގެ ސަބަބުން ބޭރަށް ހިންގާ މީހުންނަށް އެކަށީގެންވާ ރަނގަޅު މުޅިން އާ ފަރުވާ އެކެވެ.

"މީގެ މާނައަކީ އޫރުގެ ހަށިގަނޑުގައި ވާ ސެލްތަކަށް ބެކްޓީރިއާ އަށް ފަސޭހައަކުން ނުވަދެވޭނޭ،" ޕްރޮފެސަރު ވިދާޅުވި އެވެ.

ބްރޮމެލީން ނަމަކަށް ކިޔާ މި ތިން އެންޒައިމް ފުރަތަމަ ހޯދިފައިވަނީ 1930 ގެ އަހަރުތަކުގައި ނަމަވެސް އޭގައިވާ އެންޓިބައޮޓިކް ކޮލިޓީޒް ހޯދިފައިވަނީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ.

"މިއީ އެންޓީބައޮޓިކްގެ ބަދަލުގައި ބޭނުންކުރާނެ އެހެން އެއްޗެއް އުފެއްދުމުގެ ވަގުތު. ސަބަބަކީ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެންޓިބައޮޓިކްގެ ޒަމާން މިހާރު ވަނީ މާޒީއަށް ވާން ފަށާފައި. އަދި އޭގެ ބަދަލުގައި އެހެން އެއްޗެއް މިހާރުން މިހާރަށް ހޯދަންޖެހެނީ،" ޕްރޮފެސަރު ވިދާޅުވި އެވެ.

ޖަނަވާރުން ބޭނުންކޮށްގެން މި ޓްރައަލްތައް ހަދަމުންދާ އަނަޓާރާ ލައިފްސައިންސް އިން މިހާރު ދަނީ ޕްރޮފެސަރު ޕައިކް އާ ގުޅިގެން އެންޓިބައޮޓިކް ނޫން ފަރުވާއެއް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.