"ޖަބް ހެރީ މެޓް ސޭޖަލް" ގެ ކުލަގަދަ ޕްރިމިއާއެއް ހުކުރު ދުވަހުގެ ރޭ ޝްވެކްގައި
"ޖަބް ހެރީ މެޓް ސޭޖަލް" ގެ ކުލަގަދަ ޕްރިމިއާއެއް ހުކުރު ދުވަހުގެ ރޭ ޝްވެކްގައި

ޝާހްރުކް ހާނާއި އަނުޝްކާގެ ޝަރްމާގެ ފިލްމް "ޖަބް ހެރީ މެޓް ސޭޖަލް" ހުކުރު ދުވަހު ދުނިޔޭގެ ސިނަމާތަކުގައި ޕްރިމިއާ ކުރާއިރު، ރާއްޖޭގައި ތިބި ޝާހްރުކްގެ ފޭނުންނަށް ހާއްސަކޮށްގެން ޝްވެކް ސިނަމާގައި ވަރަށް ކުލަގަދަ ޕްރިމިއާއެއް ބާއްވަން ނިންމައިފި އެވެ.

"ޖަބް ހެރީ މެޓް ސޭޖަލް" ގެ ކުލަގަދަ ޕްރިމިއާއެއް ހުކުރު ދުވަހުގެ ރޭ ޝްވެކްގައި
"ޖަބް ހެރީ މެޓް ސޭޖަލް" ގެ ކުލަގަދަ ޕްރިމިއާއެއް ހުކުރު ދުވަހުގެ ރޭ ޝްވެކްގައި

މި ޕްރިމިއާ ކުރިއަށް ގެންދަނީ ޝާހްރުކްގެ ރާއްޖޭގެ ފޭން ކުލަބާއި ޝްވެކް ސިނަމާ ގުޅިގެންނެވެ. ފިލްމުގެ ޓިކެޓް ވެސް މިހާރު ލިބޭނެ އެވެ.

އިމްތިއާޒް އަލީ ޑައިރެކްޓްކޮށްފައިވާ "ޖަބް ހެރީ މެޓް ސޭޖަލް" ޕްރިމިއާ ކުރާ އިރު، ޝާހްރުކްގެ 16 ފޭން ކުލަބަކުން މިހާރު ވެސް އަންނަނީ ހުކުރު ދުވަހު ފިލްމު ރިލީޒްކުރާ ގައުމުތަކުގައި ފިލްމްގެ ހާއްސަ ޕްރިމިއާތަކެއް އިންތިޒާމް ކުރަމުންނެވެ.

ޝާހްރުކްގެ ރާއްޖޭގެ ފޭން ކުލަބްގެ އޮފިޝަލަކު ބުނީ ހުކުރު ދުވަހު ޝްވެކްގައި ބާއްވާ ޕްރިމިއާ ޝޯ އިން އެންމެ ފުރަތަމަ ޓިކެޓް ނަގާ 50 މީހަކަށް ވަރަށް ހާއްސަ އިނާމްތަކެއް ވެސް ލިބޭނެ ކަމަށެވެ.

"އަދި ވަރަށް އެންޓަޓައިންކޮށް ޕްރިމިއާ ކުރިއަށް ދާނީ. އެގޮތުން ބޮޑުބެރުގެ އައިޓަމްތަކަކާ އެކު ޝާކްރުކްގެ ލަވައަކަށް ޕަފޯމް ކުރުން ވެސް އޮންނާނެ،" އޮފިޝަލް ބުންޏެވެ. "މި ޕްރިމިއާގެ ތެރޭގައި ޝޯ އަށް އަންނަ ޝާހްރުކްގެ ޑައިހާޑް ފޭނުން ފޮޓޯ ނަގާފައި ޓްވިޓާގައި ޝެއާ ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ. އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ޝާހްރުކަށް މި ޓްވީޓްތައް ފެނި ރިޓްވީޓް ކުރުން."

އޭނާ ބުނީ މިހާތަނަށް ޝާހްރުކް ރާއްޖެ އައިސްފައި ނެތަސް އޭނާގެ ބޮޑު ފޭންބޭސްއެއް ރާއްޖޭގައި އޮތްކަން ދައްކުވައި ދޭން ބޭނުންވާ ކަމަށެވެ.

"އޭރުން އެއީ އޭނަ ރާއްޖެ އަންނަން ހިތްވަރު ލިބޭ ކަމަކަށް ވެސް މިކަން ވާނެ،" އޮފިޝަލް ބުންޏެވެ.

ޝްވެކް ސިނަމާގައި ހުކުރު ދުވަހުގެ ރޭ 8:30 ގައި "ޖަބް ހެރީ މެޓް ސޭޖަލް" ޕްރިމިއާ ކުރުމަށް ފަހު، ފިލްމުގެ ޝޯތައް އެ ސިނަމާގައި ކުރިއަށް ގެންދާނެ އެވެ.

މި ފިލްމަކީ ޝާހްރުކާއި އަނުޝްކާ އެކުގައި ކުޅުނު ތިން ވަނަ ފިލްމެވެ.