މާރާމާރީތަކާ ގުޅިގެން އެޗްއާރުސީއެމުން ފުލުހުންނާ ބައްދަލުކޮށްފި
މާރާމާރީތަކާ ގުޅިގެން އެޗްއާރުސީއެމުން ފުލުހުންނާ ބައްދަލުކޮށްފި

މާލޭގައި މިހާރު ހިނގަމުންދާ މަރާމާރީތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުން ފުލުހުންގެ އިސް ވެރިިންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ހަފުތާއެއްގެ ތެރޭގައި ފަސް މާރާމާރީ ހިންގައި ދެ ޒުވާނަކު މަރައިލުމާ އެކު މާލެ ތެރެ ވަނީ އަނެއްކާ ވެސް ހަލަބޮލިވެފަ އެވެ. އެ ބައްދަލުވުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ދިރިހުރުމުގެ ހައްގަކީ ކޮންމެ އިންސާނަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

އެ ބައްދަލުުވުމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި މާރާމާރީތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމާ މެދު މަޝްވަރާ ކޮށްފައިވާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. މީގެ އިތުރުން އެފަދަ ކަންކަން އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް ވެސް ބުންޏެވެ.

ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމު ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާއެކު ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެެވެ.

މާލޭގެ ޓާމިނަލް ކެފޭގަ އާއި ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ދެ ޒުވާނަކު މަރާލާފައިވާ އިރު އެ މީހުންގެ ގާތިލުން އަދި ވެސް ނުހޯދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރެވޭތީ، ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ ދެ މަރާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް "ވަރަށް ޚާއްސަ އިސްކަމެއް ދީގެން" ކުރަމުން އަންނަ ކަމަށެވެ.