02 އޯގަސްޓް 2017 - 13:19

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރީ އޭނާ ހައްޔަރު ކުރަން ނެރުނު އަމުރާއި ބަންދުގައި ބަހައްޓަން ނެރުނު އަމުރެވެ.
އެ ދެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ހެނދުނު ފަށަން ހައި ކޯޓުން ހަމަޖައްސާފައިވާ ކަން ފާރިސްގެ ވަކީލް މައުމޫން ހަމީދު ކަށަވަރުކޮށް ދެއްވި އެވެ.
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ފަށާއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލައި، ޝަރީއަތް ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށެވެ.
އެ ޝަރީއަތުގައި ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.