02 އޯގަސްޓް 2017 - 12:22

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ފޯނެެއް ހުޅުވައިނުދިން މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާގައި މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފްނުވާ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމުގައި މައިގަނޑު ގޮތުގައި ފާހަގަ ކޮށްފައިވަނީ ރިޔާޒްގެ ފޯނު ހިފެހެއްޓުމަށް ފަހު ފުލުހުންނާ އެކު ރިޔާޒް ގެންގޮސްފައިވަނީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ ހުކުމުގައި އިޝާރާތް ކޮށްފައިވަނީ، ކުށުގެ ވެށިން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ އަމުރެއްގެ ދަށުން ކަމަށް އިމްތިޔާޒްގެ ގާނޫނުގެ 13 ވަނަ މާއްދާގައި އޮންނަ އޮތުމަށެވެ.
އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ރިޔާޒްގެ ފޯނު ހިފެހެއްޓިއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އޭނާ ހައްޔަރު ކޮށްފައިނުވާ ކަމަށާއި ރިޔާޒްގެ ބަހުން ވެސް އެކަން އެނގޭ ކަމަށެވެ. އަދި އެ ނުކުތާއަކީ ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގިއިރު ވެސް އެކަމާ މެދު ދެ ފަރާތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައިވާ ކަމެއް ނޫން ކަމަށާއި އެކަން ރިޔާޒްގެ ފަރާތުން ވެސް ކޯޓުގައި ފާހަގަ ކޮށްފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި ކޯޓު އަމުރެއް ހަވާލު ކުރުމަކީ ހައްޔަރު ކުރުމަކަށް ނުބެލެވޭނެ އެވެ. ރިޔާޒްގެ މައްސަލާގައި ފުލުހުން ކުރި ކަމަކީ ކޯޓު އަމުރެއް ރިޔާޒާ ހަވާލުކުރުން ކަމަށް ދައުލަތުން ބުންޏެވެ. އެއީ ހައްޔަރު ކުރުމެއް ކަމަށް ބަލަން ފަށައިފި ނަމަ އެކަން ވެގެންދާނީ ގާނޫނުއަސާސީ އާއި ކުށުގެ ތުހުމަތު ބަންދު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށް ވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ މުޅި އިސްތިއުނާފް ބިނާކޮށްފައި ވަނީ ރިިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އިމްތިޔާޒްގެ ގާނޫނާ ޚިލާފްވި ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކުރި މައްސަލައަށް އެކަންޏެވެ. އެ ހުކުމާ ގުޅޭގޮތުން އިތުރު މައްސަލައެއް ދައުލަތުން ފާހަގައެއް ނުކުރެ އެވެ.
ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، "ފައިސަލާ ކުރަނިވި އަދުލުވެރި ހުކުމެއް" ކޮށް ދިނުމަށެވެ.
އިސްތިއުނާފަށް ޖަވާބުދާރީވުމަށް ރިޔާޒަށް ފުރުސަތު ދެއްވުމުން އޭނާ އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 10 ދުވަސް ދެއްވުމަށެވެ. ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ރިޔާޒް ވިދާޅުވި ގޮތުގައި މައްސަލައިގެ ލިޔުންތައް ރޭ ލިބިފައި ވިޔަސް މިދުވަސްވަރު ސިޔާސީ މައްސަލަތައް ގިނަކަމުން ވަކީލުން ހޯދަން ވަނީ ދަތިވެފަ އެވެ.
މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި އުސޫލު އޮންނަ ގޮތުން ކޮންމެ މައްސަލައެއްގައި ވެސް ހަތް ދުވަސް ތެރޭގައި ޖަވާބު ފޮނުވަން ޖެހޭނެ ކަމަށެވެ. އެހެންވެ ހަތް ދުވަސް ތެރޭގައި މައްސަލައިގެ ޖަވާބު ފޮނުވުމަށާއި އޭގެފަހުން އަޑުއެހުން ބާއްވާ ދުވަހު ވަކީލަކާ އެކު ހާޒިރުވާން އިސް ފަނޑިޔާރު އެންގެވި އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ.
ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވެެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.