02 އޯގަސްޓް 2017 - 20:55

ކްލިއަރެންސް ނުދެނީސް މެލޭޝިއާއިން ފުރައިގެން އަންނަން އުޅުނު ދެ ބޯޓެއްގައި ތިބި 17 މީހަކު ހިފަހައްޓައިފި އެވެ.

މެލޭޝިއާގެ ޖޮހޯރުން މިިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފުރައިގެން ރާއްޖެ އަންނަން އުޅެނިކޮށް ހިފަހައްޓާފައިވާ ބޯޓެއްގައި ހުރި ދިވެއްސަކު "މިހާރު"އަށް ކިޔައިދިންގޮތުގައި އެ މީހުންގެ ތެރެއިން ފުރަތަމަ 10 މީހަކު ފުލުހުން ހައްޔަރުކުރުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އެނބުރި ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެ މީހާ ބުންޏެވެ.
"އަޅުގަނޑުމެން މިތަނަށް އައީ މިތަނުން ދިވެހި ކުންފުންޏަކުން ގަތް ދެ ބޯޓެއް މާލެ ގެންދަންވެގެން. އެހެންވެ ބޯޓު ފުރައިގެން ދަނިކޮށް މެލޭޝިއާ މެރިން ޕޮލިސް ދެ ބޯޓު ހުއްޓުވީ. ދެން ބޯޓު ހުއްޓުވުމަށް ފަހު އެންގީ ބޯޓު ވިއްކި ފަރާތަށް ދޭން ޖެހޭ ފައިސާ ނުދައްކާ އޮތް ކަމަށް. އެކަމެއް އަޅުގަނޑުމެންނަށް ނުވެސް އެނގޭ،" އޭނާ ބުންޏެވެ.
އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި ގޮސް ހުރި މީހާ ބުނީ ބޯޓު ފަޅަށް ވަންނަނިކޮށް ކޮންމެވެސް މީހަކު ކަނޑުފޭރޭ ބަޔަކު އެ ބޯޓަށް އަރައި ތިބި ކަމަށް ބުނުމުން މެލޭޝިއާ ނޭވީ ހަތިޔާރާއެކު ބޯޓަށް އެންމެން ހައްޔަރުކުރި ކަމަށެވެ. އަދި އެ މީހުން ހަތިޔާރާއެކު ބޯޓަށް އެރިއިރު ހީވީ ހަމަލާދީ މަރާލާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"ނޭވީ ސިފައިން ބޯޓަށް އެރިގޮތުން ހީވީ އެންމެން މަރާލާނެކަމަށް. އޭގެ ފަހުން މެލޭޝިއާ މެރިން ޕޮލިސް ދެ ބޯޓަށް އަރައި ދިހަ މީހަކު ހައްޔަރުކޮށްގެން ގެންދިޔައީ،" އޭނާ ބުންޏެވެ.
މެލޭޝިއާ ބަނދަރުން ފުރިޔަނުދީ ހިފެހެއްޓި ގްރީން ބޮކްސް ކިޔާ ކުންފުންޏެއްގެ 2،000 ޓަނުގެ ބޯޓަކާއި 80 ޓަނުގެ ބޯޓުގައި ޖުމްލަ 17 މީހަކު ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ބަންދުކުރި މީހުންތައް ދޫކޮށްލީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން އެތަނަށް ގޮސް ކުރި މަސައްކަތުން ކަމަށެވެ.
"މިހެން އައިސް ތިބޭތާ ތިން މަސްވީއިރު ދެ މަސްދުވަހުގެ މުސާރަ ލިބުނީ. ބަޔަކަށް ގުޅޭނެ ގޮތެއް ވެސް ނެތިފައި ހުއްޓާ ރައްޓެއްސަކު ފޯނަށް ލާރި އަޅައިދިނުމުން ގުޅަނީ ވެސް. މާލޭގެ ކުންފުނިން ބުނަނީ މުސާރަ ދެވޭނެ ދުވަހެއް ވެސް ނޭނގެ،" އެ މީހާ ބުންޏެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޖޮހޯރުގެ ބަނދަރުން ހުއްދަ ނުހޯދައި ފުރައިގެން އަންނަ އުޅުނުކަމުގެ ތުހުމަތުގައި ދެ ބޯޓެއް ހިފަހައްޓައި އޭގެ ތެރެއިން 10 މީހަކު ބަންދުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެތަނަށް ގޮސް ފުލުހުންނާ ބައްދަލުކޮށް އެ މީހުން ދޫކޮށްލަން ކުރި މަސައްކަތުން މިވަގުތު އެ މީހުން ދޫކޮށްލާފައި އެތިބީ. އެ މީހުން ފުރައިގެން ދާން އުޅުނީ އެ މީހުންގެ އެޖެންޓު އެންގުމުން ކަމަށް މައުލޫމާތު ލިބުނީ. ނަމަވެސް އެތަނަށް ގޮސް ވާހަކަ ދެއްކުމުން އެނގުނީ އެ ދެ ބޯޓު ފުރައިގެން ދާން އުޅުނީ ޕޯޓް ކްލިއަރެންސް ނުހޯދައިކަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓު ފުރުން ހުއްޓުވާފައި ވަނީ ބޯޓު ވިއްކި ކުންފުންޏާއި ބޯޓު ގަތް ކުންފުންޏާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް އޮފިޝަލް ނުދެއްވަ އެވެ.