ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރަން ފެނޭތޯ ކޮންގްރެސްގައި ވޯޓަށް އަހަނީ
ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރަން ފެނޭތޯ ކޮންގްރެސްގައި ވޯޓަށް އަހަނީ

ސައޮ ޕޯލޯ (އޮގަސްޓް 2) - ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ ބްރެޒިލްގެ ރައީސް މިޝޭލް ޓެމާ މަގާމުން ދުރުކުރަން ފެނޭތޯ އެ ގައުމުގެ ކޮންގްރެސްގައި މިއަދު ވޯޓަށް އަހާނެ އެވެ.

ކޮންގްރެސްގައި ނަގާ ވޯޓުން ރައީސް ޓެމާ ސަލާމަތް ކުރެވޭ ވަރަށް ތާއީދު ނުލިބިއްޖެ ނަމަ ހަ މަސް ދުވަހަށް އޭނާ މަގާމުން ސަސްޕެންޑް ކުރާނެ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު މަގާމުން ވަކި ކުރެވޭނެ އެވެ. ރައީސް ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި ގައުމު ހިންގާނީ ޕާލަމެންޓުގެ ރައީސް އެވެ.

ވޯޓު ނެގުމަށް ކޮންގްރެސްގެ ކޯރަމް އަކީ 342 އެވެ. އެކަމަކު މިއަދު ވޯޓު ބާއްވަން ތާވަލް ކުރި ނަމަވެސް ގިނަ މެންބަރުން އަދި ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ. އެހެންވެ ވޯޓު ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޓެމާ މަގާމުން ދުރުކުރެވޭނީ ބްރެޒިލްގެ ޕާލަމެންޓުގެ ދަށު ގޭގެ ތިން ބައިކުޅަ ދެބައި މެންބަރުން އޭނާއާ ދެކޮޅަށް ވޯޓު ދީގެންނެވެ.

ކޮންގްރެސްގެ މިފަހަރުގެ ވޯޓުން ޓެމާ ސަލާމަތްވި ނަމަވެސް އޭނާ ދެކޮޅަށް ޗީފް ޕްރޮސެކިއުޓާ އާ މައްސަލަތަކެއް ފެންމަތި ކުރާނެ ކަމަށް ބެލެވެ އެވެ. އިންސާފަށް ހުރަސް އެޅި ކަމުގެ ކުށުގައި ޓެމާއާ ދެކޮޅަށް ކޮންގްރެސްގައި އަލުން ވޯޓުލުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް ޓެމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއްގަމު މަސް ބަންދުކުރާ ކުންފުންޏެއް ކަމަށްވާ ޖޭއެންޑްއެފް އިން ރިޝްވަތުގެ ގޮތުގައި 500،000 ބްރެޒިލިއަން ރިއާލް (160،000 ޑޮލަރު) ނެންގެވި ކަމަށެވެ. މި ފައިސާއާ ހަވާލުވެފައި ވަނީ ޓެމާގެ ވަރަށް އަރިސް އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަށްވާ ރޮޑްރިގޯ ރޮޗާ ލޯރެސް އެވެ. ފައިސާ ހުރި ބްރިފްކޭސް ލޯރެސް ހިފައިގެން ދަނިކޮށް ފުލުހުން ވަނީ ވީޑިއޯ ކޮށްފަ އެވެ. ލޯރެސް ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ރޮޑްރިގޯ ޖެނޮޓް ވިދާޅުވީ ލޯރެސް ފައިސާއާ ހަވާލުވީ ރައީސް ޓެމާ އަށް ގެންދިއުމަށް ކަމަށެވެ. އަދި އެއީ ރިޝްވަތުގެ ގޮތުގައި ރައީސް އަށް ދޭ 38 މިލިއަން ބްރެޒިލިއަން ރިއާލް (12.1 މިލިއަން ޑޮލަރު) ގެ ފުރަތަމަ އިންސްޓޯލްމަންޓް ކަމަށް ވެސް ވިދާޅުވި އެވެ. ނުވަ މަހަށް ބަހާލައިގެން ރިޝްވަތު ފައިސާ ދެނީ ޖޭއެންޑްއެފް އަށް ވިޔަފާރީގެ ފުރުސަތުތަކެއް ފަހިކޮށް ދިނުމަށެވެ.

ޓެމާ މަގާމުން ދުރުކޮށްފި ނަމަ އެއީ އަހަރެއްގެ ތެރޭގައި ބްރެޒިލްގައި މަގާމުން ދުރުކުރާ ދެ ވަނަ ރައީސް އެވެ. ކުރީގެ ރައީސް ދިލްމާ ރޫސެފް ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މިދިޔަ އަހަރުގެ އޮގަސްޓް މަހު މަގާމުން ދުރުކޮށްފަ އެވެ. ޓެމާ ރައީސް ކަމަށް ވަޑައިގަތީ ރޫސެފް މަގާމުން ދުރުކުރުމުންނެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ރޫސެފް އެވެ. ޓެމާ އަކީ އެކަމަނާގެ ރަނިން މޭޓެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދެވި ކަމަށް ރައީސް ޓެމާގެ މައްޗަށް ތުހުމަތު ކުރި މައްސަލައިގެ ޝަރީއަތުގައި ކުށްވެރި ނުވެ އޭނާ މިދިޔަ ޖޫން މަހު ސަލާމަތްވީ ކިރިޔާ އެވެ. ބްރެޒިލްގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓުން ނިންމާފައި ވަނީ އިންތިޚާބުގެ ތެރޭގައި ގަވާއިދާ ޚިލާފު ފައިސާ ރައީސް ޓެމާ ބޭނުން ކުރައްވާފައި ނުވާ ކަމަށެވެ. ރައީސްއާ އެއްކޮޅަށް ހަތަރު ފަނޑިޔާރުން ތާއީދު ކުރެއްވި އިރު ދެކޮޅަށް ތާއީދު ކުރެއްވީ ތިން ފަނޑިޔާރުންނެވެ. މި މައްސަލައިގައި ޓެމާގެ މައްޗަށް ކުށް ސާބިތުވި ނަމަ އޭނާގެ ވެރިކަން އެފަހަރު ގެއްލުނީހެވެ.

ބްރެޒިލްގެ ގާނޫނު އަސާސީގައި ބުނަނީ ވެރިކަމުގެ ދައުރުގައި ދެ އަހަރަށް ވުރެ ކުރު މުއްދަތެއް އޮއްވައި ރައީސް ވަކިވެއްޖެ ނަމަ އާ އިންތިޚާބެއްގެ ބަދަލުގައި ކޮންގްރެސް އިން ވަގުތީ ރައީސަކު އިންތިޚާބު ކުރުމަށެވެ. ބްރެޒިލްގައި އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ އެވެ.