ޕްރޮޖެކްޓްތައް އަވަސްކުރަން ހޭދަ ކުރުމުން އެމްޓީސީސީގެ ފައިދާ ދަށްވެއްޖެ
ޕްރޮޖެކްޓްތައް އަވަސްކުރަން ހޭދަ ކުރުމުން އެމްޓީސީސީގެ ފައިދާ ދަށްވެއްޖެ

ޕްރޮޖެކްޓްތައް އަވަސް ކުރަން ކުރި ހޭދަ އާއި ތަކެތީގެ އަގު އުފުލުމާ ގުޅިގެން އެމްޓީސީސީ އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ދަށްވެއްޖެ އެވެ.

ދަތުރުފަތުރާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެންމެ ބޮޑު ކުންފުނިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 341.5 މިލިއަން ރުފިޔާ ލިބުނު އިރު އެއީ 11 ޕަސެންޓްގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 24.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 29.2 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވިޔަފާރި ކުރުމަށް 271.8 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި އެ ހަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 69.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ އިތުރުވެ، އާމްދަނީ ވެސް އިތުރުވެފައި ވަނީ ގެނައި ބައެއް ބަދަލުތަކާ ގުޅިގެންނެވެ.