ފަސް ޓީމެއް ވާދަކުރާނެ، ޔުނައިޓެޑަކީ ފޭވަރިޓެއް ނޫން: ގިގްސް
ފަސް ޓީމެއް ވާދަކުރާނެ، ޔުނައިޓެޑަކީ ފޭވަރިޓެއް ނޫން: ގިގްސް

ލަންޑަން (އޮގަސްޓް 2) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ފަސް ޓީމެއް ވާދަކުރާނެ ކަމަށާއި މެންޗެސްޓާ ޔުނައިޓެޑަކީ ފޭވަރިޓެއް ނޫން ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ރަޔާން ގިގްސް ބުނެފި އެވެ.

ގިގްސް ބުނީ މި ފަހަރު ލީގަށް ވާދަކުރާނީ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ، ޓޮޓެންހަމްގެ އިތުރުން އާސެނަލް، ލިވަޕޫލް އަދި އެވަޓަންގެ ތެރެއިން ޓީމެކެވެ.

"އަހަރެންގެ ނަޒަރުގައި ލީގު ފޯރި ވަރަށް ގަދަވާނެ ކުރިން ހުރިހާ ފަހަރަކަށް ވުރެން. ވަރަށް އާދައިގެ ޓީމުތަކުން ވަރަށް އަގުބޮޑުކޮށް ނަން މަޝްހޫރު ކުޅުންތެރިން ގަނެފި. އެއްވެސް މެޗެއް ފަސޭހަނުވާނެ،" ގިގްސް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަރުގަދަ ކުރި ނަމަވެސް އަދި އެ ޓީމަކީ ލީގު ފޭވަރިޓް ނޫން ކަމަށެވެ.

"ތެދެއް. ޔުނަައިޓެޑް ވަރަށް ވަރުގަދަ ކޮށްފި. ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް ގެނެސްފި. އެކަަމަކު އަދިވެސް ތަޖުރިބާ އަށް ބަލާއިރު އެ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވޭ. މިސާލަކަށް އިބްރަހިމޮވިޗްގެ ބަދަލުގައި ލުކާކޫ ގެނައީ އެކަމު ތަޖުރިބާގެ ގޮތުން ލުކާކޫ އުޅޭނީ ތަންކޮޅެއް ފަހަތުގައި،" ގިގްސް ބުންޏެވެ.

އާސެނަލާއި ލިވަޕޫލުުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއް ގެނެސްގެން ނޫނީ ލީގަށް ވާދަކުރުމުގެ ފުރުސަތު ކުޑަކަމަށް ގިގްސް ގަބޫލުކުރެ އެވެ.

"އާސެނަލާއި ލިވަޕޫލް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މި އުޅެނީ ތަންކޮޅެއް ފަހަތުގައި. އިންވެސްޓް ކޮށްގެން ކުރިއަށް ދެވެން އޮތީ. އެހެން ނޫން ނަމަ އޮތް މަގާމު ދިފާއު ކުރަން ވެސް އުނދަގޫވާނެ،" ގިގްސް ބުންޏެވެ.

އޭނާ ބުނީ މި ފަހަރުގެ އެންމެ ހައިރާން ކުރަނިވި ޓީމަކަށްވާނީ އެވަޓަން ކަމަށާއި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އެ ޓީމު މި އަހަރު ފެންނަނީ ވަރަށް ތަފާތުކޮށް ކަމަށެވެ.

ފާއިތުވި ދެ ސީޒަނަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަނަށް ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާ ނެރުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް ގިގްސް ދެކޭ ގޮތުގައި ޗެލްސީ މި ފަހަރު ވެސް ލީގަށް ވާދަކުރުމުގެ ފުރުސަތު ބޮޑެވެ.

އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ މި މަހު 11 ވަނަ ދުވަހު އެވެ.