03 އޯގަސްޓް 2017 - 08:26

އިންޑިއާގެ މަޝްހޫރު ބާބެކިއު ރެސްޓޯރެންޓް ޗެއިންގެ، ރެސްޓޯރެންޓެއް، ލިލީ އިންޓަނޭޝަނަލް އިން، މާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ލިލީގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ބާބެކިއު ނޭޝަން ރެސްޓޯރެންޓް ހުޅުވަނީ ކާނިވާ ސަރަހައްދުގައި ކުރިން ލިލީސް ކެފޭ ހިންގި ތަނުގައި ކަމަށެވެ.
"އެތަނުގެ ކޮންސެޕްޓް މިހާރު ވަނީ ނިމިފައި. ކުރިއަށް އޮތް އަށެއްކަ މަސް ތެރޭގައި ހުޅުވޭނެ. މިހާރު ޑިޒައިނިން މަސައްކަތްތައް ނިމިފައި ހުރީ،" އާމިރު ވިދާޅުވި އެވެ.
"ހުޅުވުން ކުޑަކޮށް ލަސްވެގެން ދިޔައީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ޖެހުމުން."
ބާބެކިއު ނޭޝަން އަކީ އިންޑިއާގެ މުމްބާއީގައި 2006 ގައި ހުޅުވި ރެސްޓޯރެންޓެކެވެ. ނަމަވެސް، ޑިމާންޑް ބޮޑުވެ މިހާރު އިންޑިއާގެ އިތުރުން ދުބާއީ، ސިންގަޕޫރު އަދި އިނގިރޭސި ވިލާތް ފަދަ އެތައް ގައުމެއްގައި، 60 އަށް ވުރެ ގިނަ ރެސްޓޯރެންޓްތައް ހިންގަ އެވެ.
އާންމުންގެ ތެރޭގައި ބާބެކިއު ނޭޝަން އެހާ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ އާ ކޮންސެޕްޓަކާ އެކު ތައާރަފް ކުރި ރެސްޓޯރެންޓަކަށް ވުމުންނެވެ. އެ ރެސްޓޯރެންޓްތަކުގެ ކޮންމެ މޭޒެއްގައި ގްރިލްއެއް ބަހައްޓަ އެވެ. ކަސްޓަމަރުން އޯޑަރު ދޭ ކެއުންތައް ތައްޔާރުކޮށްގެން ގެނެސް އެ އެއްޗެހި ފިހަނީ ކަސްޓަމަރުން އަމިއްލަ އަށެވެ.
އާމިރަކީ މާލޭގައި މެރީ ބްރައުން އާއި ސީކްރެޓް ރެސިޕީ ރެސްޓޯރެންޓް ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާ ވިޔަފާރިވެރިއެކެވެ.