ހަސަދަ
ހަސަދަ

އާދިއްތަ ދުވަހާ ގުޅޭ

އޭރު އެ ކަމާ ނާޒިމާއަށް ކުޑަކޮށް ވެސް ވިސްނައިލެވިފައެއް ނެތެވެ. ހައްތާ ވެސް ހީކުރެވުނީ ޒިދުނާގެ ބައްޕަގެ މިޒާޖުގައި ހުންނަ މާތް ސިފައެއް ކަމަށެވެ. ގޭގެ ރަނގަޅަކަށް ކަމެއް ކުރަނީ ކަމަށެވެ. ކުރާ ކަންތައް އެނގުނީ ރުޤްޔާގެ އަލީގައެވެ. ޒިދުނާ ކުރިކަމަކީ ގޭގެ ފާރު ކައިރިޔަށް ސިހުރު ފަސް އެޅުމުގެ މަސައްކަތެވެ. މީހަކަށް ޝައްކު ވެދާނެތީ "ކުނިކަހަނީއެވެ." ސިހުރުފަސް ކިޔާ އެއްޗެއް ހުންނަކަން ވެސް ނާޒިމާއަކަށް ކުރިއަކުން ނޭނގެއެވެ. ޒިދުނާގެ ބައްޕަ ވެސް ކިޔެވީ ސިހުރެވެ. އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވައިގެންނެވެ.

ޢާއިލާގެ ގާތް މީހަކު ސިހުރުހަދާކަން އެނގި ހުރެ އެ ގެއެއްގައި އުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ކޮންމެ ކަމަކަށް ނާޒިމާގެ ހިތުގައި ޝައްކު އުފެދެއެވެ. ދަރިންގެ ރައްކާތެރިކަމުގައި ސައުވީސް ގަޑިއިރު ނާޒިމާ ދެމިހުރެއެވެ. ބަދިގޭގައި ހުންނަ އައިސްއަލަމާރިން ކުދިން ފެންފޮދެއް ބޯކަށް ވެސް ނާޒިމާ ނޭދެއެވެ. ކައްކަން ބޭނުންކުރާ ހުރިހައި އެއްޗެއް ނާޒިމާ ގަނެގެން ގެނެސް އެ އެއްޗެހި ބަހައްޓަނީ ވަކި ވަތްގަނޑެއްގައެވެ. އެ ވަތްގަނޑުގެ ތަޅުދަނޑި އޮންނަނީ ހަމައެކަނި ނާޒިމާ އަތުގައެވެ. އިރުއޮއްސޭ ވަގުތު ހުރިހައި ދޮރެއް ލައްޕައެވެ. ނިދަންއޮންނައިރު ކިރިޔާ އަޑެއް އިވުނަސް ނާޒިމާ ފުންމައިގެން ތެދުވެއެވެ. އެއްރޭ ނާޒިމާއަށް އިވެން ފެށީ ފާރުގައި ވަކިއަޅާ އަޑެވެ. އެނގޭ ހުރިހައި ހެޔޮ އެއްޗެއް ކިއިއިރު ވެސް އެ އަޑެއް ނުކެނޑުނެވެ. ދެން ގުޅަންޖެހުނީ ރާޝިދަށެވެ.

"ތިހެން އުޅެނިކޮށް ތި ކަން ވެދާނެ ބަލިގަނޑަކަށް،" ރާޝިދު ވިސްނައިދިނެވެ. "އަޑެއް އިވޭއިރަށް ނޫނީ އަލިކޮޅެއް ފެންނައިރަށް އެ ނުވާނެ ޖިންނިއަކަށް. އެކަމަކު އެ ކަމާ ބިރުން ދުވެ ފިލައިފިއްޔާ އެ ވާނީ ޖިންނިއަކަށް. ދަންވަރު ގޭގެ ފާރުގަ ވަކިއަޅަން ހުރުމަށް ވުރެ މާ ހަރުދަނާ ކަންކަން ހުންނާނެ ޖިންނިން ކުރަންޖެހޭ. ބައެއް ފަހަރު ހީވޭ ނާޒިމާގެ ބިރުކެނޑޭހެން. އަނެއްބައި ފަހަރު އޭގެ އަނެއް ކޮޅު. ސިހުރުހަދާ މީހާ ބޭނުންވާނީ ތިހެން ސިހިސިހި ހުންނަން. ނަފުސާނީ ބަލިގަނޑަކަށް ތިކަން ވާން. އެކަމަކު، އިންސާނުންގެ ތެރެއިން ގިނަ މީހުން މަރުވާނީ ޖިންނިއެއްގެ އެއްވެސް ކަމެއް ދިމާ ނުވެ. ފަހަރެއްގަ، ހާލަކުން ފަހަރަކު ޖިންނިއަކާ ކުރިމަތިލާން ޖެހިދާނެ. ތިމާގެ ގާތުގަ އެހެން އެއްޗެއް އުޅޭ ކަމުގެ އިހުސާސެއް ކުރެވިދާނެ. ނޫނީ ފަހަރެއްގަ ޖިންނިއެއް ފެނި ވެސް ދާނެ. ހުވަފެނުގަ ނޫނީ ދެބަދޭތެރޭގަ އާންމުކޮށް ފެންނާނީ. ހަމަލޮލަށް ޖިންނިއެއް ފެނުމަކީ ވަރަށް ނާދިރުކަމެކޭ ނާޒިމާ. ފެނިއްޖެއްޔާ އައޫޒު ބިސްމިން ކިޔާފަ، ކުރުސި ކިޔާ. ބުނޭ ﷲ ގެ ޢަދުއްވާއޭ މި ތަނުން ރައްކާވާށޭ. ބިރުން ތެޅިފޮޅިގަންނާކަށް ނުޖެހޭނެ. ދަރިންނަށް ވެސް މި ވާހަކަތައް ކިޔައިދީފަ ބަހައްޓާ!"

އެ ކަން ނާޒިމާ ކުރެއެވެ. އެކަމަކު، ދަންވަރުވުމުން ހިތުގައި ޝައްކާއި ވަހުމު އުފެދެއެވެ. ހައުލާ ކިޔައިދީފައިވާ އެކި ވާހަކަތައް ހަނދާނަށް އާދެއެވެ. ކޮށްފާނެކަމަށް ނާޒިމާ ދުވަހަކު ހީ ނުކުރާ ކަހަލަ ކަންތައް ޒިދުނާ ހުރީ ކޮށްފައެވެ. ޒިދުނާގެ ބައިގައި ބޮޑު ބިލިގާއެއް ކަހަލަ އެއްޗެއް ހުރެއެވެ. އެ ބެހެއްޓީ އެއްޗެހި ދޮންނަން ފަސޭހަ ކުރުމަށްކަމަށް ބުނެއެވެ. އެކަމަކު ހައުލާ ބުނި ގޮތުގައި، އެ އެއްޗެއް ގެނައުމުގެ އަސްލު މަޤްޞަދަކީ ހައުލާގެ ކަންތައް ނިންމައިލުމެވެ. ހައުލާ ފެންވަރުވަން ގެންގޮސްފައި އެއްދުވަހަކު ހައުލާ މަރާލަން ވެސް ޒިދުނާ މަސައްކަތް ކުރިއެވެ. ހެދި ގޮތަކީ ފެންގަނޑުގެ އަޑިއަށް ހައުލާގެ ބޯ ގަންބައިލީއެވެ. ގަސްތުގައި ނޫންކަމަށް ހަދައިފައެވެ. ވަކި ހިސާބަކުން ހައުލާ ތެޅިގަތުމުން ޒިދުނާގެ އަތުން ހައުލާ ދޫވީއެވެ. އެ ހާދިސާ ހިނގި ދުވަހު ނާޒިމާ ހުރީ ބަދިގޭގައެވެ. ސަލާމަތްވެގެން ހައުލާ ރޮއިގަތް އަޑަށް ނާޒިމާ ދުވެފައި ދިޔައެވެ. އޭރު ހައުލާ އަޑުންއަޑު ނަގައިފައި ރޮނީއެވެ. ޒިދުނާ ބުނީ ހައުލާ ކައްސައިލީ ކަމުގައެވެ. ކަންތައް ވީގޮތް ނާޒިމާއަށް ކިޔައިދޭން ހައުލާ ބޭނުމެވެ. އެހެންނަމަވެސް، ފަހުން ހަނދާންނެތެނީއެވެ. ހަނދާންތައް އަލުން އަންނަން ފެށީ ރުޤްޔާ ކިޔަވަން ފެށީމައެވެ. ފުނާއެޅުމުގެ ބަހަނާ ދައްކައިގެން ވެސް ޒިދުނާގެ ބަޔަށް ކުރިން ހައުލާ ގެންދެއެވެ. ހައުލާގެ ހުންނަނީ ފަން އިސްތަށިގަނޑެކެވެ. އެކަމަކު ޒިދުނާ އަބަދު ވެސް އުޅެނީ ފުނަލުގަ އިސްތަށި އޮޅޭތީއެވެ. ޙަޤީޤަތުގައި، ސިހުރުހަދަން ވެގެން ޒިދުނާ އިސްތަށި އުފުރަނީއެވެ. ހައުލާގެ ބޮލަށް އެއްޗެހި ހަރާކަމަށް ވެސް ފަހުން ހައުލާ ބުނެއެވެ.

ރުޤްޔާ ކިޔަވަން ފެށިތާ ހަތަރުވަނަ ރެއެވެ. އެ ރެއަކީ ވެސް ގިނަ ސިއްރުތަކެއް ފަޅާއެރި ރެއެކެވެ. ވާހަކަތައް ކިޔައިދިނީ ޖިންނީންގެ އަޑުން ހައުލާ މެދުވެރިކޮށެވެ. ދަރިފުޅުގެ އަޑަށް އަންނަ އެކި ބަދަލުތަކުން ނާޒިމާ އިނީ ހައިރާންވެފައެވެ.

"ނާޒިމާއަށް ސިހުރުޖައްސަން ޒިދުނާ ވަރަށް މަސައްކަތް ކުރި،" ހައުލާ ކިޔައިދިނެވެ. "އޭނަ ބޭނުންވި ވަރަށް އެ ކަން ކާމިޔާބު ނުވީ. އެއްކޮޅުން ނާޒިމާގެ ދީންވެރިކަން. އަނެއްކޮޅުން ޒިދުނާއަށް ކުރިމަތިވި ނާކާމިޔާބީ. ގޭގެ އެކި ބައިތަކުގަ ކައްކާ އެއްޗެހި އެހެން ބައިތަކަށް ގެންދެއެއްނު. އެންމެން އެއްޗެހި ގެންދާ ގަޑިއަކު ޒިދުނާ އެއްޗެއްސެއް ނުގެންދާނެ. ނުގެންދަނީ ސިއްރެއް އޮތީމަ. ޒިދުނާ ތަށިތައް ހިފައިގެން އަންނާނީ ހަވީރު. އެއީ، އެހެން އެއްޗެހި ކައި ހުސްވާ ދަނޑިވަޅު. ކުޑަކޮށް ބަނޑުހައިވާން ފަށާ ދަނޑިވަޅު. ޔަގީނުން ވެސް ޒިދުނާ ގެންނަ އެއްޗެއް އެ ވަގުތު ކާނެ. ޒިދުނާ ގެންދާނީ ފޮނި އެއްޗެހި."

ނާޒިމާ ވިސްނައިލިއެވެ. އެއީ މުޅީން ވެސް ތެދު ވާހަކަތަކެވެ. ފޮނި އެއްޗެހި ގެންނަ ސަބަބު ވެސް ޒިދުނާ ބުނެއެވެ. އެހެން އެކަކު ވެސް ފޮނި އެއްޗެހި ނުގެންނާތީއެވެ. ނާޒިމާ ޝުކުރުވެރިވީ ﷲ އަށެވެ. ނާޒިމާގެ ހަކުރު ހުރެއެވެ. އެހެންވެ، ހުކުރުދުވަހު ޒިދުނާ ގެންނަ ފޮނި ސާމާނުތައް ނާޒިމާއަށް ނުކެވެނީއެވެ. ފިހާރައާއި ހަވާލުވެގެން އުޅޭތީ ނާޒިމާ އެ ވަގުތު އުޅެނީ ވެސް ފިހާރައިގައެވެ. ނާޒިމާއަށް ސިހުރުޖައްސަން ޒިދުނާ ކުރި މަސައްކަތަށް ހުރަސްއެޅޭ ގޮތަކީ އެއީއެވެ. އަނެއްކޮޅުން ނާޒިމާ ބަރާބަރަށް ނަމާދުކޮށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައެވެ. ނިދަނީ ކުރުސި ކިޔައިގެންނެވެ. އެ ހިސާބުން ރައްކާތެރިކަމުގެ ފަށަލައެއް ނާޒިމާގެ ވަށައިގެން ލެވެއެވެ. ހަށިފާރަވެރިންތަކެއް ހަތަރުދަމު ނާޒިމާ ގާތުގައި ތިބެއެވެ. ޒިދުނާ ގެންނަ އެއްޗެހިތައް ކެވެނީ ނާޒިމާގެ ދަރިންނަށެވެ. ގޭގެ އެހެން ހުރިހާ މީހުން ވެސް އެ ފޮނި އެއްޗެހިތައް ކަޔެވެ. ކޮންމެވެސް ދުވަހަކުން ގޭގެ އެހެން ކުދިންގެ ކޮންޓުރޯލު ޒިދުނާ އަތުލާނެކަން ނާޒިމާއަށް ކަށަވަރެވެ.

ހަތަރުވަނަ ރޭ ވެސް ރުޤްޔާ ކިޔަވައި ނިންމައިފައި ރާޝިދު ދިޔައީ މިސްކިތަށެވެ. ހައުލާ ފޯނުހިފައިގެން އެނދުގައި އިށީނދެލައިގެން އިނެވެ. ހައުލާ މޮޔަގޮވައެއް ނަހަދައެވެ. އެހެންނަމަވެސް، ހައުލާގެ ބުއްދި ރަނގަޅަކަށް މަސައްތަކެއް ނުކުރެއެވެ.

"ދަރިފުޅު ދެން ދާންވީނު ނަމާދުކޮށްލަން ދޯ!" ނާޒިމާ ހަނދާންކޮށްދިނެވެ. "އިރުކޮޅަކުން ޢިޝާއަށް ގޮވާނެ. ނަމާދުކޮށް ނިމިގެން ދުޢާތައް ވެސް ކިޔައްޗޭ އިނގޭ ދަރިފުޅާ! ޤުރުއާން ވެސް ކިޔަވާލަން ވާނެ."

ނާޒިމާ ދައްކާ ވާހަކައަށް ހައުލާ މާ ބޮޑު ސަލާމުކަން ދިންހެނެއް ނާޒިމާއަކަށް ހިޔެއް ނުވެއެވެ. އެއްބަސްވުމުގެ ގޮތުން ބޯޖަހައިލުން ފިޔަވައި އެހެން ކަމެއް ހައުލާ ނުކުރެއެވެ. އިންތަނުން ގުޑައި ވެސް ނުލިއެވެ. ފަސް ވަގުތު ނަމާދުކުރުމަށާއި ކިޔަންޖެހޭ ދުޢާތައް ކިޔަވަން ނާޒިމާގެ ދަރިންނަށް ހަނދާންކޮށްދެއެވެ. ދުޢާއަކީ ކިހާ ބާރުގަދަ އެއްޗެއްކަން ވިސްނައިދެއެވެ. އެހެންވިޔަސް، ކުދިން ފަރުވާތެރިވަނީ ވަރަށް ކުޑަކޮށެވެ.

"ދަރިފުޅާ!" އޯގާތެރިކަމާ އެކުގައި ނާޒިމާ ގޮވައިލިއެވެ. "ދެން ދޭ އަވަހަށް. ދޮންތަ މިހާރު ނަމާދުން ފައިބައިފި."

"ދާނަމޭ މަންމާ ދާނަމޭ!" ފޯނާ ކުޅެމުން ހައުލާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު ދެން ތި ދުޢާތަކެއް ނުކިޔޭނެ. ޤުރުއާން ކިޔަވަން ހަމަ ފަށާއިރަށް ނިދިއަންނާނެ. ދެން ނޭނގޭނެ ކިޔޭނުކިޔޭ އެއްޗެއް. ވަރަށް ވަރުބައްޔޭ މަންމާ!"

އެ ނިންޖަކީ ޝައިތާނާގެ ވަސްވާސްކަމެއް ކުދިންނަކަށް ނުވިސްނެއެވެ. އެ ވާހަކަތައް ނާޒިމާ ކިޔައިދޭން ފެށުމުން ހައުލާ ކުރިމަތިކުރުވީ އެހެން ސުވާލެކެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ހައުލާ ވަރަށް ގަޔާވެލައިފައި ބުންޏެވެ. "މަންމަ އެ ހުރިހައިކަމެއް ކޮށްގެން އުޅޭއިރު މަންމައަށް ވަކި ސިހުރެއް ނުޖެހޭ؟"

ދަރިން ތަރުބިއްޔަތު ކުރުމުގައި ނާޒިމާއަށް އިހުމާލުވެވިފައިވާކަން ނާޒިމާއަށް ގަބޫލުކުރެވުނެވެ. ނާޒިމާ ބޭނުންވި ވަރަކަށް ދަރިންގެ ހިތްތަކުގައި އީމާންތެރިކަމެއް ނުފެތުރެނެވެ. ހަމަ އެހެންމެ ހައުލާގެ އެ ނުކުތާ ވެސް ރަނގަޅެވެ. ނާޒިމާއަށް ވެސް ސިހުރުގެ އަސަރު ކޮންމެވެސް ވަރަކަށް ފޯރިއެވެ. ސަބަބު ވެސް ނާޒިމާއަށް ވިސްނެއެވެ. އަންހެނުންނަކީ، ކޮންމެ މަހަކު ވެސް ނަމާދު ނުކުރެވޭ ދުވަސްތަކެއް އަންނަ ބަޔަކެވެ. އެ ދުވަސްތަކަކީ ވަރަށް ނާޒުކު ދުވަސްތަކެކެވެ. އެ ދަނޑިވަޅަށް ސިހުރުވެރިޔާ ފާރަލައެވެ. އަމުދުން އެއް ގެޔެއްގައި އުޅޭ މީހަކަށް، ނާޒިމާގެ ޚަބަރުތައް ހޯދުމަކީ ދާދި ފަސޭހަ ކަމެކެވެ. ދަނޑިވަޅުގެ ބޭނުންހިފައި، ނާޒިމާގެ ހަށިގަނޑަށް ސިހުރު ލުމުގައި ޒިދުނާ ކާމިޔާބު ހޯދިއެވެ. ނާޒިމާގެ ހަށިގަނޑުގައި ސިސްޓުތަކެއް އުފެދުނެވެ. އޭގެ ސަބަބެއް ޑޮކްޓަރުންނަކަށް ނޭނގެއެވެ. ޖެހެނީ އޮޕަރޭޝަންކުރާށެވެ. ޒިދުނާ ބޭނުންވީ ނާޒިމާ އެނދުމަތިކޮށްފައި ބާއްވާށެވެ. ގޭތެރޭގައި ކަންތައްތައް ބަލަހައްޓައި، ފިހާރައިގެ ކަންތައްތަކުގައި ނާޒިމާ އުޅުނު ނުދިނުމަށް ޓަކައެވެ. އެ ކަންކަމަކަށް ޒިދުނާ އަތްގަދަ ކުރުމަށްޓަކައެވެ.

"ދަރިފުޅުމެންނަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ހަނދާނެއް ނުހުރޭ ..." ނާޒިމާއަށް ބުނެވުނީ އެ ހިސާބަށެވެ.

"މަންމާ!" ނިކަން ބާރަށް މޫނިސާ ގޮވައިލި އަޑު އިވުނެވެ.

ނާޒިމާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިއެވެ. މޫނިސާ ހުރީ އިސްތިރިކުރާށެވެ. ހައުލާގެ ކޮޓަރިން ބޭރަކަށް ނާޒިމާ ނުނިކުމެއެވެ.

"ކިހިނެއްވީ؟" ނާޒިމާ އެހިއެވެ. "ހެދުން ވިރުނީ؟"

"ކިހިނެއްތަވީ؟" މޫނިސާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.

"ކީއްވެ މަންމައަށް ގޮވީ؟" ނާޒިމާ ސުވާލުކުރިއެވެ.

"މަ؟ މަށެއް ނުގޮވަން." މޫނިސާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.

ހީވިގޮތެއް ކަމަށް ބަލައިފައި ނާޒިމާ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ދެން ބަލައިލިއިރު ހައުލާއެއް ނެތެވެ. ފާޚާނަޔަކު ވެސް ނެތެވެ. ނާޒިމާއަށް ކަށަވަރެވެ. ހައުލާ އެ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ.

ނުނިމޭ