03 އޯގަސްޓް 2017 - 06:32

އާލިއާ ބަޓް ކަޝްމީރުގެ ޖާސޫސެއްގެ ރޯލް ކުޅޭ ފިލްމް "ރާޒީ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.
މި ފިލްމަކީ އާލިއާ ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި ޖަންގްލީ ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމް ރިލީޒް ކުރަން ނިންމާފައި ވަނީ މެއި 11، 2018 ގަ އެވެ.
ކަރަން ވަނީ އޭނާގެ ޓްވީޓަކުން އެކަން ކަށަވަރުކޮށްދީފަ އެވެ.
މި ފިލްމަކީ "ތަލްވާރް" އާއި "ފިލްހާލް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން މިދިޔަ މަހުގެ 25 ގައި ރަސްމީކޮށް ފަށާފައިވާ އިރު، "ރާޒީ" ގައި އާލިއާގެ ކޯ އެކްޓަރަކީ "މަސާން" ގެ ބަތަލު ވިކީ ކޯޝަލް އެވެ. މިއީ ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
"ރާޒީ" އަކީ 2008 ވަނަ އަހަރު ހަރިންދަރް އެސް. ސިއްކާ ނެރުނު ވާހަކަ "ކޯލިން ސެހެމަތު" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އަންނަ އަހަރަށް "ރާޒީ" ތާވަލްކޮށްފައިވާ އިރު، އާލިއާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މާޗްގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ބަދްރިނާތު ކީ ދުލްހަނިޔާ" އިންނެވެ.
މި އަހަރު އާލިއާގެ އިތުރު އެއްވެސް ފިލްމެއް ރިލީޒްވާކަށް ނެތެވެ.