އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަނަށް ބޮން އަޅާ 82 މީހުން މަރާލައިފި
އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަނަށް ބޮން އަޅާ 82 މީހުން މަރާލައިފި

ދިމިޝްގު (ޖޫން 26) - ސީރިއާގެ އިރުމަތީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ ތަންތަނަށް ރަޝިޔާ އާއި ސީރިއާ ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކުގައި 82 މީހުން މަރުވެއްޖެ އެވެ. މީގެ ތެރޭގައި އާއްމުންގެ 58 މީހުން ވެސް ހިމެނެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ދައިރު އެޒޯގެ އިރުމަތީގައި އޮންނަ އަލް ގުރިޔާހު އަށް ރަޝިޔާ އާއި ސީރިއާ ސަރުކާރު ސިފައިންގެ މަތިންދާ ބޯޓުތަކުން ވައިގެ ތިން ހަމަލާ ދީފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގައި ހިންގާ އޮބްޒަވޭޓަރީން ކުރިން ބުނީ އަލް ގުރިޔާހުން މަރުވެފައި ވަނީ 47 މީހުން ކަމަށެވެ.

ރަޝިޔާ ސިފައިން ދަނީ ސެޕްޓެމްބަރު، 2015 އިން ފެށިގެން ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން ވައިގެ ހަމަލާތައް ދެމުންނެވެ.

ސީރިއާގައި އައިއެސްގެ ވެރި ރަށުގެ ގޮތުގައި ބަލާ ރައްގާއާ ޖެހިގެން އޮންނަ ދައިރު އެޒޯ ސިޓީގެ 60 ޕަސެންޓް ކޮންޓްރޯލް ކުރަނީ އައިއެސް އިންނެވެ.

ސީރިއާގައި 2011 ވަނަ އަހަރު ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން މިހާތަނަށް ވަނީ 280،000 މީހުން މަރުވެފަ އެވެ. --އޭއެފްޕީ