02 އޯގަސްޓް 2017 - 06:50

ސެމްސަންގް ގެލަކްސީ ނޯޓްގެ ފުރަތަމަ އަދަދަށް މަލާމާތްކުރި މީހުން މިހާރު ހިތާމަކުރާނެ އެވެ. އެއިރު އެ ބަޔަކު ބުނި ގޮތުގައި ނޯޓް 1 އެއީ ބިގަރެކެވެ. ޓީވީއެކެވެ. ރީޑިން ލޭމްޕެކެވެ. އެއީ އެ ފޯނުގެ ސްކްރީން ބޮޑުކަމުން އެ އަށް ދިން ނަންތަކެވެ.

ފޮޓޯއިން ތިޔަ ފެންނަނީ ގެލަކްސީ ނޯޓް8 އެވެ. ލަފުޒުތަކަށް، އަކުރުތަކަށް ރަނގަޅަށް ބަލައިލާށެވެ. ނޯޓް 8 ނޫނެވެ. "ނޯޓް އަށެއް" ސެމްސަންގް އިން ލިޔަން ބޭނުންވާ ގޮތަކީ މި އެވެ؛ "ނޯޓް8" އެވެ.
ގެލަކްސީ ނޯޓް8 ހުންނާނެ ކަމަށް ބުރަވެވެނީ ތިޔަ ފެންނަ ގޮތަށެވެ. ހުރި ހައިބަތެއްގެ ބޮޑުކަމެވެ. އަތް ޖައްސާލާ ހިތެއް ނުވޭ ހެއްޔެވެ؟ މި ފޮޓޯ ޓްވީޓާގައި ޝާއިއުކުރި މީހާ، އިވާން ބްލާސް ބުނާ ގޮތުގައި، މިއީ ނޯޓް8 އެވެ. ނޯޓް8ގެ "މިޑްނައިޓް ބްލެކް" އެވެ.
އިވާން ބްލާސް ހާމަކުރާ މައުލޫމާތު ވަރަށް ގިނަ ފަހަރު ދިމާވެ އެވެ. އިވާން ބްލާސް ޓްވީޓާ އެކައުންޓަށް މައުލޫމާތު އާންމުނަށް ނޭނގުނު ނަމަވެސް، ބެލެވޭ ގޮތުގައި، މަޝްހޫރު ކުންފުނިތަކުން އެ އެކައުންޓަށް މައުލޫމާތު ފޯރުކޮށްދެ އެވެ. އެއީ އުފެއްދުންތައް އާންމުވުކުރުމުގެ ކުރިން އިސްތިހާޜުކުރަން ކުންފުނިތަކުން ހަދާ މަކަރެކެވެ.
ގެލަކްސީ ނޯޓް8އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިން ވެސް ގިނަ ބަޔަކު އެނގެން ބޭނުންވަނީ އެ ފޯނުގެ ފަހަތުގައި ދެކެމެރާ އިންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހުރި ހަރުދަނާކަމެވެ. ނޯޓް8 ކަމަށް ބުނެ މިހާތަނަށް އާންމުކުރި ކުރެހުންތަކުން، ފޯނުގެ ފަހަތުގައި ދެ ކެމެރާ އިންނަކަން ފާޅުވެ އެވެ. އެކަމަކު ކަށަވަރެއް ނުވެ އެވެ. އިވާން ބްލާސް އާންމުކުރި މި ފޮޓޯއިން ވެސް ފޯނުގެ ފަހަތް ފެންނަ ގޮތެއް ނުވެ އެވެ. އެއީ ފަހަރެއްގައި ސަޕޯޓަރުން ތަޅުވާން ކުރި ކަމަށް ވެދާނެ އެވެ.
ނޯޓް8ގެ ޑިސްޕްލޭގައި 6.3 އިންޗި ހުންނަ ކަމަށް ބުނެވެ އެވެ. މިއީ ރަނގަޅު ވާހަކައެއް ނަމަ، ނޯޓް8 ވާނީ، ގެލަކްސީ މަރުކާގެ ދަށުން އުފެއްދި އެންމެ ބޮޑު ފޯނަށެވެ. ނޯޓް8ގެ ސްކްރީން ރިޒޮލޫޝަން އަކީ 2160 ގުނަ 4428 ޕިކްސެލް އެވެ. މަސްދަރު ކަށަވަރުނުވާ ދިމަދިމާއިން އިވޭ އަޑުތަކަށް ބަލާއިރު، އެކި ބައްރުތަކަށް އާންމުކުރާ ނޯޓް8 ގައި ބޭނުންކުރާ ޕްރޮސެސާ ވެސް ތަފާތެވެ.