01 އޯގަސްޓް 2017 - 20:05

މިދިޔަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ 54.6 މިލިއަން ރުފިޔާ އަށް ދަށްވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ކުންފުނިން ނެރުނު ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.96 ބިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރިކުރުމަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 1.82 ބިލިއަން ރުފިޔާ ލިބުނުއިރު ވިޔަފާރިކުރުމަށް 1.60 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 61.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ފައިދާ ދެވަނަ ކުއާޓަރުގައި ދަށްވިއިރު ހިއްސާއަކަށް ޖެހިފައި ވަނީ 48.4ރ. އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފާއިދާ ދަށްވިއިރު، ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައި ތެލުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. އަދި ކާޑުގެ އަގު ވެސް ހެޔޮކޮށްފައިވެ އެވެ.