ޔޫރަޕުގެ ކޯޗަކާ އެކު ބާސްކެޓްބޯޅަ ޓީމު ކޮލިފައިން އަށް ތައްޔާރުވަނީ
ޔޫރަޕުގެ ކޯޗަކާ އެކު ބާސްކެޓްބޯޅަ ޓީމު ކޮލިފައިން އަށް ތައްޔާރުވަނީ

ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އިން ބާއްވާ އޭޝިއާ ޗެލެންޖުގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ޓީމުގެ ކޯޗަކަށް ސާބިއާގެ މާކޯ ޕިޕްލޮވިޗް ހަމަޖައްސާފައިވާއިރު ސްކޮޑް މިއަދު ފައިނަލްކޮށްފި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް ރަޝްވާން (ޗިކު) އަށް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭނެ އެވެ.

ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ހަމަޖެއްސި ޔޫރަޕުގެ ކޯޗު ޕިޕްލޮވިޗަކީ ރެޑްލައިން ކްލަބުގެ ކުރީގެ ކޯޗެވެ. އަދި އޭނާ ވަނީ ކުރިން ހަރިކޭނަށް ވެސް ކުޅެފަ އެވެ. އޭނާގެ އެސިސްޓަންޓަކީ ނޭޕާލުގައި މި އަހަރު އޮތް ސާބާ ޗެމްޕިއަންޝިޕުގެ ތިން ވަނަ ހޯދި ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ހުސެއިން ހާދީ (ހާޑީ) އެވެ.

އިންޑިއާގެ ބެންގަލޫރުގައި ޖުލައި 5-8 އަށް ބާއްވާ ސާބާ ޒޯން ކޮލިފިކޭޝަން ބުރުގައި ރާއްޖެ ވާދަކުރާނީ ދެކުނު އޭޝިއާ ގައުމުތަކާ އެވެ. މި ބުރުން ކޮލިފައިވާ ޓީމުތަކަށް ސެޕްޓެމްބަރު މަހު އީރާނުގައި ބާއްވާ އޭޝިއާ ޗެލެންޖަށް ކޮލިފައިވާނެ އެވެ. އެ މުބާރާތުން ކޮލިފައިވާ ޓީމުތަކަށް އަންނަ އަހަރު ބާއްވާ ފީބާ އޭޝިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ.

ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރެޑްލައިން ކްލަބުގެ މުހައްމަދު ޒިލާލެވެ. ވައިސް ކެޕްޓަނަކީ ޓީރެކްސް ބީސީގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ.

ޓީރެކްސް: ޒަކަރިއްޔާ އަބްދުއްލަތީފް، އަހުމަދު ޒަބީރު، އިސްމާއިލް ވިލްދާން ޔޫސުފް

ރެޑްލައިން ކްލަބް: އަލީ ފަޒްލީ، މުހައްމަދު ޒިލާލް، އަހުމަދު އަފްސަން ރަޝާދު، އަހުމަދު ފިރާޝް، އަހުމަދު އަދުހަމް، ހުސެއިން ހަލީމް

ހަރިކޭން: އަހުމަދު އަލީ މުސްތަފާ، އިބްރާހިމް އަންފަލް ޝަރީފް

ދަ ބައުސް: އަބްދުﷲ އަމްޒަރު މުހައްމަދު