02 އޯގަސްޓް 2017 - 06:51

ގޫގުލްގެ އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންނާއި އެޕަލްގެ އައިފޯނު ގެންގުޅޭ މީހުން އަބަދުވަސް އުޅެނީ ވާދަވެރިކަމެއްގަ އެވެ. އެންމެ ރީއްޗަށް ފޮޓޯ ނެގެނީ ކޮން ފޯނަކުންތޯ މިއީ މިގޮތުން ކުރެވޭ އެންމެ ބޮޑު ބަހުސަށް ވާނެ އެވެ.
މި ބަހުސްގައި މިފަހަރު ބައިވެރިވީ ގޫގުލް ކުންފުނީގެ ކުރީގެ ވެރިއެއް ކަމަށްވާ ވިކް ގުންޑޯޓްރާ އެވެ. ފޭސްބުކްގައި މި ދާއިރާގެ ބައެއް މީހުންނާ އެކު ދެކެވުނު ވާހަކައެއްގައި ގުންޑޯޓްރާ ބުނީ "ފޮޓޯ ނަގަން ދުވަހަކު ވެސް އެންޑްރޮއިޑް ފޯނެއް ބޭނުން ނުކުރާނަން" ކަމަށެވެ.
ގޫގުލް ޕްލަސް ހިންގުމުގައި އިސްކޮށް މަސައްކަތްކުރުމަށް ފަހު ހެލްތު ކެއާ ކުންފުންޏެއްގެ ސީއީއޯގެ މަގާމުގައި މިހާރު ހުރި ގުންޑޯޓްރާގެ މި ވާހަކަ އަކީ އެންޑްރޮއިޑްގެ ސަޕޯޓަރުންނަށް އެހާ ކަމުދާ ވާހަކައަކަށް ނުވެދާނެ އެވެ.
ގުންޑޯޓްރާ ލިޔެފައިވާ ގޮތުގައި ފޮޓޯ ނަގަން އެންޑްރޮއިޑް ފޯނެއް ބޭނުން ނުކުރާނެ ސަބަބަކީ "އެންޑްރޮއިޑް" އެވެ. އޭނާ ބުނީ ސެމްސަންގް ފޯނުތަކުގައި ކިތަންމެ މޮޅު ކެމެރާ ޓެކްނޮލޮޖީއެއް ހިމެނި ނަމަވެސް އޭގެ ފޯނަކުން ފޮޓޯ ނަގާ ނަމަ ގޫގުލްގެ އެންޑްރޮއިޑާ މުއާމަލާތުކުރަން ޖެހޭތީ ސެމްސަންގުން ބޭނުންވާ ފެންވަރުގެ ފޮޓޯއެއް ނުނެގޭނެ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އެކި މިސާލު ދައްކަމުން ގުންޑޯޓްރާ އެންމެ ފަހުން ބުނެފައި ވަނީ ރަނގަޅު ފެންވަރެއްގެ ފޮޓޯއެއް ނަގަން ބޭނުމިއްޔާ އޭނާގެ ލަފަޔަކީ އައިފޯނެއް ގެންގުޅުން ކަމަށެވެ.
"ދެތިން އަހަރު ފަހަތުގައި އުޅެން ޖެހުމަކީ މައްސަލައެއް ކަމަށް ނުދެކެންޏާ އެންޑްރޮއިޑް ފޯނެއް ވެސް ހަމަ ރަނގަޅުވާނެ،" އޭނާ ބުނެފައިވެ އެވެ.