01 އޯގަސްޓް 2017 - 15:17

ފޭސްބުކްގައި ހިންގި ޕޭޖަކުން ގިނަ އަދަދެއްގެ އާންމުން އަތުން ފައިސާ ނެގުމަށް ފަހު މުދާ ގެނެސްނުދިން މައްސަލާގައި މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ.
"ޕްރީ އޯޑާ އެމްވީ"ގެ ނަމުގައި ހިންގި ޕޭޖަކުން އެކި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އެ ތަކެތި ގެނެސް ނުދިން މައްސަލަ ފެންމަތިވީ މިދިޔަ ޖޫން މަހު އެވެ. ގާނޫނުލްއުގޫބާތުގެ މަކަރާއި ހީލަތުގެ ދައުވާ އެ މައްސަލާގައި އުފުލީ އެ ޕޭޖް ހިންގި ފަރާތުގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި ގޮތުގައި އެ ދައުވާއަކީ 75 މީހެއްގެ އަތުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ކުރާ ދައުވާ އެވެ. ޕީޖީ އޮފީހާ ހަމައަށް އައީ 81 މީހެއްގެ އަތުން ފައިސާ ނެގި މައްސަލަ ކަމަށާއި އެކަމަކު އޭގެ ތެރެއިން ހަ މީހަކަށް ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.
އެ މައްސަލަ ފެންމަތިވުމުން ފުލުހުން ކުރިން ވަނީ އެ ޕޭޖާ ގުޅޭ މައްސަލައެއް އޮތް ނަމަ އެކަން އަންގަން އެދިފަ އެވެ. އެކި ނަން ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.