އިއްސެގެ މަރާ ގުޅިގެން ތިން ބިދޭސީއަކަށް ދައުވާ އުފުލައިފި
އިއްސެގެ މަރާ ގުޅިގެން ތިން ބިދޭސީއަކަށް ދައުވާ އުފުލައިފި

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެން ތިން ބިދޭސީއަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އިހަވަންދޫ އައިސް ޕްލާންޓްގައި މަސައްކަތްކުރި އިއްސެ މި ދިޔަ ޖޫން މަހު މަރައިލި މައްސަލައިގައި ފަސް ބިދޭސީއަކަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އޭގެ ތެރެއިން ދައުވާކުރީ ތިން މީހަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި އެވެ.

އޭގެ ތެރެއިން ދެ މީހަކަށް ކުރަނީ އެނގި ހުރެ މަރެއް ފޮރުވުމުގެ ދައުވާ ކަމަށާއި ދެން ހުރި މީހާ އަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގެ ދައުވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިޝާމް ވިދާޅުވި އެވެ.

އިއްސެ މަރާލިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އޭނާއާ އެކު އައިސް ޕްލާންޓްގައި މަސައްކަތް ކުރި ބަނގްލަދޭޝް މީހަކަށެވެ. އޭނާ ވަނީ އިއްސެ މަރާލި ކަމަށް ތަހުގީގުގައި ވެސް އެއްބަސްވެފަ އެވެ. އިއްސެ މަރާލާފައި އޮއްވާ ފެނުނީ އޭނާ ހޯދަމުން ދަނިކޮށް އައިސް ޕްލާންޓްގެ ތެރެއިންނެވެ.