ހަކުރު ގިނަވުމުން ފިރިހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ
ހަކުރު ގިނަވުމުން ފިރިހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ

ދުވާލަކު 67 ގްރާމަށް ވުރެ ގިނައިން ހަކުރު ބޭނުންކުރާ ފިރިހެނުންނަށް ޑިޕްރެޝަންގެ ނުރައްކާ އިތުރުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާގައި ބުނެފައި ވަނީ 67 ގްރާމް ހަކުރަކީ ދެ ސޮޑާ ދަޅުން ހަށިގަނޑަށް އެތެރެވާ ހަކުރާ އެއްވަރުގެ މިންވަރު ކަމަށެވެ. އަދި މި މިންވަރަށް ހަކުރު ބޭނުންކުރަމުން އަންނަ މީހުންނަށް، މިއަށްވުރެ މަދުން ހަކުރު ބޭނުންކުރާ މީހުން އަޅާބަލާއިރު މޫޑު ގޯސްވުމާއި މާޔޫސްވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހޭ މިންވަރު ފަސް އަަހަރު ތެރޭ 23 ޕަސެންޓަށް އިތުރުވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އަވަސް އަވަހަށް މޫޑު ބަދަލުވުމަކީ ގިނައިން ހަކުރު ހުންނަ ކާނާ ގިނައިން ކެއުމަށް މެދުވެރިކުރުވާ ސަބަބެއްކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތަށް ބަލާއިރު، ގިނަ މީހުންނަކީ ލަފާ ދީފައި އޮންނަ މިންވަރަށް ވުރެ ދެ ގުނަ އިތުރަށް ހަކުރު ބޭނުންކުރާ މީހުންނެވެ. އަދި މީގެ ކުރީގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ހަކުރު ގިނަވުމަކީ މި މީހުންނަށް ޑިޕްރެޝަންގެ ނުރައްކާވާ ސަބަބެކެވެ.

ހަކުރާއި މޫޑު ގޯސްވުމާއި ޑިޕްރެޝަނާ ހުރި ގުޅުމާ ބެހޭ ގޮތުން ކޮށްފައިވާ މި ދިރާސާގެ ރިޕޯޓް ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.