27 ޖޫން 2016 - 08:08

ޝާހްރުކް ޚާން އާ އެކު "ޑޮން 3" ގައި ބަތަލާގެ ރޯލު ކުރިން ކުޅެން ހަމަޖެހިފައި ވަނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް ކުއްލިއަކަށް އަޑުތައް ފެތުރެން ފަށާފައިވާ ގޮތުގައި މިހާރު އެ ފިލްމުގެ ބަތަލާ އަކީ ޕްރިޔަންކާ އެއް ނޫނެވެ. ޖެކްލީން ފެނާންޑިސް އެވެ.
ނަމަވެސް ޖެކްލީން އަށް މިކަމެއް ނޭނގެ އެވެ. އިންޑިއާގެ ނޫހަކުން ޖެކްލީން އާ މި ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ އޭނާ މުމްބައި އަށް އިއްޔެ ދިޔައިރު އެ ޚަބަރު ވަރަށް ގަދަޔަށް ދެކެވެމުންދާކަން އެނގިފައިވާ ކަމަށެވެ.
"ޑޮން 3"ގެ ޓީމުގެ އެއްވެސް މީހަކާ އޭނާ މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި މިއީ ދޮގު ޚަބަރެއް ކަމަށް ވެސް ޖެކްލީން ބުންޏެވެ.
"އަހަންނަކަށް ނޭނގެ މި އަޑުތަކެއް މި އަރުވަނީ ކާކުކަމެއް،" ޖެކްލީން ބުނެފައިވެ އެވެ.
ޝާހްރުކާ އެކު ފިލްމެއް ކުޅެން ބޭނުންތޯ ސުވާލުކުރުމުން، ސްރީ ލަންކާގެ ރީތީގެ ރާނީ ޖެކްލީން ބުނީ ކޮންމެ އެކްޓަރަކު ވެސް އެހެން އެކްޓަރުންނާއި ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރާހިތް ވާނެ ކަމަށާއި ޝާހްރުކާ އެކު ފިލްމެއް ކުޅެން ލިބިއްޖެ ނަމަ އެއީ ވަރަށް ހިތްގައިމު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.