މަރާމާރީއާ ގުޅޭ ކަންބޮޑުވުންތަކާ އެކު ނިހާން، ޕޮލިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
މަރާމާރީއާ ގުޅޭ ކަންބޮޑުވުންތަކާ އެކު ނިހާން، ޕޮލިސް ކޮމިޝަނާ ބައްދަލުކުރައްވައިފި

މާލޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން، ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާ މިއަދު ހިއްސާކުރައްވައިފި އެވެ.

ނިހާން ވިދާޅުވީ ވަޅި ހަރައި މީހުން މެރުމާއި މާރާމާރީ ހިނގަމުންދާތީ ރައްޔިތުންގެ ޝުއޫރުތައް މީޑިއާތަކާއި ސޯޝަލްމީޑިއާ އިން ވެސް އޭނާ ބައްލަވާ ކަމަށެވެ. އެ ކަންބޮޑުވުންތައް ކޮމިޝަނަރާ ހިއްސާކުރެއްވީ އޭނާގެ ދާއިރާގެ ރައްޔިތުން އެދެމުން އަންނަ ކަމެއްގައި ފުލުހުންގެ އެހީތެރިކަަމަށް އެދިވަޑައިގަތުމަށް ޕޮލިސް ކޮމިޝަނަރާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ނިހާން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރެއްވިއިރު، މާރާމާރީތަކުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ މީހަކު ވަނީ މަރާލައިފަ އެވެ. މާލެތެރެ ބެލެހެއްޓުމުގެ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް، ފުލުފުލުގައި މީހުން ކަތިލަމުންދާ މައްސަލާގައި ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި ސީސީޓީވީ ކެމެރާއެއް ނެތުމަކީ އެ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވާ މައްސަލައެކެވެ. މާރާމާރީތައް ގިނަވެފައިވާތީ، އެކަމަށް ހައްލެއް ހޯދައިދޭން ވިލިމާލޭގެ ރައްޔިތުން އެދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެތަނުގައި ކެމެރާއެއް ހަރުކުރަން، މީގެކުރިން އެމްޓީސީސީއާ ވާހަކަ ދެއްކުމަށް ފަހު، ސްރީ ލަންކާ އިން އަމިއްލަފުޅަށް ކެމެރާ ސެޓަޕެއް ބައްލަވައިގަތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ސެޓަޕް ހަރުކުރުމާ ގުޅޭގޮތުން ފުލުހުންނާ ވާހަކަ ދެއްކުމަށް ފަހު، އެ ސަހައްދުގައި ފުލުހުން ބައިތިއްބަން ވެސް އަޅުގަނޑު އެދުނިން. ޕޮލިސް ސްޓޭޝަނެއް އެ ދިމާލުގައި ހުރޭ ވެސް މެ. އެކަމަކު ރައްޔިތުންގެ އާއްމުކޮށް ހެލިފެލިވާ އާބާދީއެއް ނުކުންނަ މައި ގޭޓު ސަރަހައްދަކަށްވާތީވެ އެތަން ބަލަހައްޓައިދޭން ޖެހޭނެއޭ، ދަނީ ކޮން ބައެއްތޯ އާއި އަންނަނީ ކޮން ބައެއްތޯ ވެސް. ރައްޔިތުންގެ ކަންބޮޑުވުން އަޅުގަނޑު ގެންގޮސްދިނީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދު ނުބެލެހެއްޓެނީ ކީއްވެތޯ އާއި މާލެ ފަދަ ކުޑަތަނެއްގައި ބޮޑެތި މާރާމާރީތަކާއި ގެއްލުން ދިނުމުގެ އަމަލުތައް މި ހިނގަނީ ކީއްވެތޯ އާއި އެ އަމަލު ހިންގާ މީހުން ދެނެ ނުގަނެވެނީ ކީއްވެތޯ ވެސް އެ ދާއިރާގެ ގިނަ ބަޔަކު ސުވާލުކުރަމުން ދެ އެވެ. ރައްޔިތުންގެ އެ ކަންބޮޑުވުންތައް ޕޮލިސް ކޮމިޝަނަރާ ހިއްސާކުރެއްވީ، ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކަ އަޑުއައްސަވައި ޔަގީންކަން ދެއްވި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރަން އެ ބޭފުޅުންނަށް [ފުލުހުންނަށް] ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާރާމާރީތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުންދާއިރު އެ މުއައްސަސާ އަށް ވެސް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެއް ހުރެ އެވެ. އެއްކަމަކަށް، ފުލުހުންގެ މަސައްކަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީ ވެސް އެ މުއައްސަސާ އަށް ކުރިމަތިވާ އުނދަގުލެއް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްނުދީ، މާރާމާރީތައް ހިންގާއިރު ބަލަހައްޓައިގެން ފުލުހުން ތިބެން ޖެހޭނެ ސަބަބެއް ނެތް ކަމށް ވެސް ނިހާން ވިދާޅުވި އެވެ. ކަންކަން ހައްލުކޮށް ގާނޫނާ ޚިލާފުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް ފުލުހުން ގާނޫނީ ވާޖިބު އަދާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ކިލަނބުކޮށްލަން ސިޔާސީ ވެރިން ދައްކަވާ ބައެއް ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑެތި ގޯސްތަކާއި ދަތި އުނދަގޫތައް ފުލުހުންނަށް ކުރިމަތިވަމުންދާކަން އެއީ ފުލުހުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ލިބިފައި ހުރި ބައެއް މައުލޫމާތު،" ނިހާން ވިދާޅުވި އެވެ.