01 އޯގަސްޓް 2017 - 13:43

މިދިޔަ މެއި މަހު މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރިކޮށް ޔަމީން މަރާލި މައްސަލާގައި ހަތް މީހަކަށް މިދިޔަ އާދިއްތަ ދުވަހު ދައުވާ ކުރަން ފޮނުވި ކަން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކަށަވަރުކޮށް ދެއްވިޔަސް އެ މީހުންގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
އޭގެ ތެރެއިން ހަ މީހަކަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކަމަށާއި ދެން ހުރި މީހާ އަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"ޝަރީއަތް ބޭއްވެމުންދާ ވަރަކަށް މައުލޫމާތު ހާމަކުރަން ޖެހޭ ކަމަށް ވަންޏާ މި އޮފީހުން ހާމަކުރާނެ. އެހެން ނޫނީ އަޅުގަނޑު ގަބޫލުކުރަނީ އޯޕަން ޝަރީއަތެއް މި މައްސަލާގައި ކޯޓުގައި ހިނގާނެ ކަމަށް،" ބިޝާމް ވިދާޅުވި އެވެ.
ޔާމީން މަރާލުމުގެ ކުރިން އެކި ފަހަރު މަތިން އޭނާ އަށް އިންޒާރު ދިނުމުން ވެސް ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ ޔާމީންގެ އާއިލާއިން ވަނީ ފުލުހުންނާ ދެކޮޅަށް މަދަނީ ދައުވާއެއް އުފުލައިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ އިންޒާރުތަކާ ގުޅިގެން އޭރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ޔާމީން މަރާލިތާ މިއަދަށް 100 ދުވަސް ވަނީ ހަމަވެފަ އެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ދިޔަ ގޮތާއި ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރަމުން ނުދާތީ، އޭނާގެ އާއިލާ އިން ގެންދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.