"ހާފް ގާލްފްރެންޑް" ގެ ސެޓުގައި ޝްރައްދާއަށް އަނިޔާވެއްޖެ
"ހާފް ގާލްފްރެންޑް" ގެ ސެޓުގައި ޝްރައްދާއަށް އަނިޔާވެއްޖެ

އަރްޖުން ކަޕޫރާ އެކު ޝްރައްދާ ކަޕޫރު ކުޅޭ އާ ފިލްމު "ހާފް ގާލްފްރެންޑް"ގެ ސެޓުގައި ޝްރައްދާ އަށް އަނިޔާވެއްޖެ އެވެ.

އިންޑިޔާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތުގެ "ހާފް ގާލްފްރެންޑް" ނަމަކަށް ކިޔާ ވާހަކައިގެ މައްޗަށް މޯހިތު ސޫރީ ޑައިރެކްޓްކުރާ މި ފިލްމުގައި ޝްރައްދާ އާއި އަރްޖުން އަކީ ވަރަށް މޮޅަށް ބާސްކެޓްކުޅޭ ބައެކެވެ. ޝްރައްދާ ފަޔަށް އަނިޔާވީ ބާސްކެޓްބޯޅަ ޕްރެކްޓިސް ކުރަނިކޮށް ކަމަށްވެ އެވެ.

ޝްރައްދާ ވަނީ އޭނާގެ ފައިގައި ނޫކުލައިގެ ބެންޑޭޖެއް އަޅާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް ފަޔަށް އަނިޔާވިކަން ޔަގީންކޮށްދީފަ އެވެ.

"ލިގަމެންޓަކަށް ވަނީ ސްޓްރެސް ވެފައި. ނަމަވެސް އެ ބާސްކެޓްބޯޅަ ކޯޓުގައި ދުވުމަކީ ވަރަށް މަޖާކަމެއް،" ޝްރައްދާ ބުނެފައިވެ އެވެ.

"ހާފް ގާލްފްރެންޑް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު އެވެ. މި ފިލްމުގެ ލަވަތައް ކިޔައިދީފައި ވަނީ ރިޝީ ރިޗް އާއި ޝްރައްދާ އެވެ.

ޝްރައްދާ މިހާރު ވަނީ އޭނާގެ "އާޝިގީ 2"ގެ ބަތަލު އަދިތުޔާ ރޯއި ކަޕޫރާ އެކު "އޯކޭ ޖާނޫ"ގެ ޝޫޓިން މުޅިން ނިންމާލާފަ އެވެ. ނަމަވެސް މި ފިލްމު ވެސް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ޝްރައްދާ މިހާރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވަނީ އޮގަސްޓް މަހު ނުކުންނަ "ރޮކް އޮން 2" އެވެ. މިއީ ފަރްހާން އަޚްތަރު އާއި އަރްޖުން ރާމްޕާލް އާ އެކު ޝްރައްދާ ކުޅެފައިވާ ފިލްމެކެވެ.