ސްރީ ލަންކަންގެ ބޯޓަކުން ބެޓަރީއެއް ނުގޮވީ ކިރިޔާ
ސްރީ ލަންކަންގެ ބޯޓަކުން ބެޓަރީއެއް ނުގޮވީ ކިރިޔާ

ކޮލަމްބޯ (އޮގަސްޓް 1) - އިންޑިއާގެ ކޮޗިން އިން ފުރައިގެން ކޮލަމްބޯ އަށް ދަތުރު ކުރި ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއްގެ ކެބިންގައި އޮތް ދަބަހަކުން ދުން އަރަން ފެށުމުން ބޯޓުގެ ކްރޫންގެ ހުށިޔާރު ކަމާ އެކު ބޮޑު ހާދިސާއެއް ހިނގުމުން ކުރިން އެކަން ހައްލުކޮށްފި އެވެ.

ސްރީ ލަންކަން އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 30 ވަނަ ދުވަހު ކޮޗިން އިން ދަތުރުކުރި ޔޫއެލް 166 ފްލައިޓުގެ ކެބިން އިން ދުން އަރާތީ ކްރޫން ވަނީ ކެބިން މެނޭޖަރާއި ކެޕްޓަނުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. ކެބިން ކްރޫން ވަނީ އަލިފާން ނިއްވާ ސާމާނު ގެނެސް ކެބިން ހުޅުވާ ދުން އަރާ ދަބަސް ނެގުމަށް ފަހު އަލިފާން ނިއްވަން ސްޕްރޭ ކޮށްފަ އެވެ. އޭގެ ފަހުން ކްރޫން ވަނީ އެ ދަބަސް ޕަސިންޖަރުންނާ ދުރަށް، ބޯޓުގެ ފަހަތުގައިވާ ކާތަކެތި ބަހައްޓާ ކޮމްޕާޓްމަންޓަށް ގެންގޮސްފަ އެވެ. އެކަމަކު ދަބަހުން މާބޮޑަށް ދުން އަރަން ފެށުމުން އެއީ ލީތިއަމް ބެޓެރީއެއް ކަމަށް ޝައްކުކޮށް، އެފަދަ ހާލަތުގައި ކަންތައް ކުރަން ޖެހޭ ގޮތަށް، އެ ދަބަސް ވަނީ ފެން އެއްޗަކަށް ލައިފަ އެވެ. ދުން އެރުން ހުއްޓުމުން ދަބަސް ހުޅުވާ ބެލިއިރު އޭގައި އޮތީ ލީތިއަމް ބެޓަރީ ޕެކަކާއި ދެ މޯބައިލް ފޯނެވެ.

ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ފްލައިޓް ކްރޫން ވަނީ މި ހާދިސާ ރިޕޯޓްކޮށްފަ އެވެ. ބޯޓު ޖައްސަންވާއިރަށް އެއާޕޯޓުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ކުއްލި ހާލަތުގައި ޕަސިންޖަރުން ބޭލުން ފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ.

އެއާލައިނުން ނެރުނު ބަޔާނުގައި ބުނީ އޭ330-200 އެއާބަސް މަރުކާގެ ބޯޓުގައި ހިނގި މި ހާދިސާގައި ބޯޓުގައި ތިބި 202 ޕަސިންޖަރުންނާއި ކްރޫންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. މި ހާދިސާގައި ކްރޫން ކަންތައް ކުރިގޮތާ މެދު އެއާލައިނުން ވަނީ ތައުރީފްކޮށްފަ އެވެ.

ސްރީ ލަންކަން އެއާލައިންސް އިން ވަނީ ސެމްސަމް ނޯޓު 7 ބޯޓަށް އެރުވުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަނާކޮށްފަ އެވެ.