01 އޯގަސްޓް 2017 - 12:51

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މިހާރު ހައްޔަރުކޮށް، ބަންދުގައި ހުރި ސައުދުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ. ސައުދުގެ އިތުރުން އެ މައްސަލާގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ.
އެ ދެ މީހުންގެ މައްސަލަ ވެސް މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ސައުދަށް ޓެރަރިޒަމްގެ ދައުވާ ކުރިއިރު މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހަށް ވަތް މައްސަލާގައި ސައުދު ހައްޔަރުކޮށް، މިހާރު ހުރީ ބަންދުގަ އެވެ. އޭނާ ހައްޔަރުކުރީ އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އޭނާ މަޖިލީހަށް ވަތް މައްސަލައިގަ އެވެ.
ސައުދުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިހާރު އޮތީ އެ މައްސަަލަ ބަލައިގެންފަ އެވެ.