ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ސްވިމިން ޓީމަށް ކުރިއެރުން
ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ސްވިމިން ޓީމަށް ކުރިއެރުން

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދިޔަ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ސްވިމިން ޓީމުން ރެކޯޑްތަކެއް އާކޮށް ކުރިއެރުންތަކެއް ހޯދައިފި އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހިމް އާއި، އިސްމާއިލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ. ރާއްޖޭގެ ޓީމުން ވަނީ މި މުބާރާތުގެ ފަސް އިވެންޓެއްގައި ވާދަކޮށް ދެ ރެކޯޑެއް އާކޮށްފަ އެވެ.

އާ ކޮށްފައިވާ ދެ ގައުމީ ރެކޯޑަކީ ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސް ރިލޭ އާއި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓެވެ.

ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް މިކްސް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ 44.52 ސިކުންތުގެ ކުރިއެރުމަކާއި އެކު އެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 4 މިނެޓު 31 ސިކުންތުން އިން ރޭސް ނިންމައިގެންނެވެ. ރިކޯޑް އާ ކުރި މި ރިލޭގައި ފަތާފައިވަނީ މުބާލް، މުއުތަސިމް، ޝަޖަން އަދި ސާޖިނާ އެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕް ގައި ފެތި ޓީމު އަތުގަ އެވެ. އެ ފަހަރުގެ ޓީމުން ރޭސް ނިންމީ 5 މިނެޓު 15 ސިކުންތުންނެވެ.

ހަތަރު ސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އާ ކުރީ 5 މިނެޓު 48 ސިކުންތުން އިން ރޭސް ނިންމައިގެންނެވެ. މިއީ 25.46 ސިކުންތުގެ ކުރިއެރުމެކެވެ.

މި ފަހަރުގެ މުބާރާތުގައި ގައުމީ ސްވިމިން ޓީމުގެ ކޯޗުގެ ގޮތުގައި އިބްރާޙީމް މޫސާ އަދި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް ފޯ ލައިފް ގެ ފަރާތުން މުހައްމަދު ފަޔާޒު އަލީ ރިޒާ (ފިއްޓެ) ވަނީ ބައިވެރިވެފަ އެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ސްވިމިން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ބައިވެރިވެވަޑައިގަތެވެ.