01 އޯގަސްޓް 2017 - 11:29

ވޮޝިންޓަން (އޮގަސްޓް 1) - މަގާމާ ހަވާލުވިތާ 10 ދުވަސް ވެސް ނުވަނީސް ވައިޓްހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އެންތަނީ ސްކަރަމުޗީ ވަކިކޮށްފި އެވެ.
ވޯލް ސްޓްރީޓުގައި ކުރިން މަސައްކަތް ކުރި ސްކަރަމުޗީ މަގާމުން ދުރުކުރަން ނިންމެވީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ދާދި ފަހުން ހަމަޖެއްސި ޖެނެރަލް ޖޯން ކެލީ އެވެ. އޭނާ ކުރިން ހުންނެވީ ހޯމްލޭންޑް ސެކްރެޓަރީގެ މަގާމުގަ އެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ސްކަރަމުޗީ ހަމަޖެއްސުމުން ވައިޓް ހައުސްގެ އިސް ބައެއް ބޭފުޅުންގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ވަނީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ އާއި ޗީފް އޮފް ސްޓާފް ރެއިންސް ޕްރީބަސް އިސްތިއުފާ ދެއްވައިފަ އެވެ.
ސްކަރަމުޗީއާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. ޓްރަމްޕުގެ ތަރުޖަމާން ސާރާ ސެންޑާސް ވިދާޅުވީ ވައިޓްހައުސްގެ ސްޓާފުންނާ ބެހޭ ގޮތުން ނޫސްވެރިން ގާތު ސްކަރަމުޗީ ދެއްކެވި ވާހަކަތަކާ މެދު ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަަދި އެއީ އެފަދަ މަގާމެއްގައި ހުންނަ މީހަކު ދައްކަވައިގެންވާނެ ވާހަކަތަކެއް ނޫން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ސްކަރަމުޗީ ވަނީ މީޑިއާ އަށް މައުލޫމާތު ލީކު ކުރާ ފަރާތަކީ ޕްރީބަސް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ވައިޓް ހައުސްގެ އިސް މުޝީރު ސްޓީވް ބެނޮންއާ ބެހޭ ގޮތުން ވެސް ސްކަރަމުޗީ ވަނީ ބޭއަދަބީ ބަސްތައް ބޭނުން ކުރައްވައިފަ އެވެ.
ވައިޓް ހައުސްގެ ސްޓާފުން މަގާމުން ދުރުކުރާ މައްސަލައާ ގުޅިގެން ނޫސްތަކުގައި ލިޔާ ރިޕޯޓްތަކަށް ރައްދު ދެއްވާ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވައިޓް ހައުސް ތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.