ގާސިމްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި
ގާސިމްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކުރާ ރިޝްވަތު ދޭން އުޅުމުގެ ދައުވާގެ ޝަރީއަތުގެ މިއަދު އަޑުއެހުން ކްރިމިނަލް ކޯޓުން ސިއްރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ އެ ދައުވާގެ މިއަދުގެ އަޑުއެހުން ސިއްރު ކުރި ސަބަބެއް ސާފެއް ނުވެ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުން ވެސް ވަނީ ސިއްރު ކޮށްފަ އެވެ.

ކުރިން އެ މައްސަލަ ހުށަހަޅައި، ވަކި ހިސާބަކަށް ކުރި އަށް ގެންގޮސްފައި ވަނިކޮށް އެ މައްސަލަ ބޭރު ކޮށްލުމުން އަލުން ހުށަހަޅާފައިވާ އެ މައްސަލަ ކުރިއަށް ގެންދާނީ ކުރިން ގޮސްފައި އޮތް ހިސާބުން ފެށިގެން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ. ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަ އޭރު ބޭޭރު ކޮށްލި އިރު އެ މައްސަލަ އޮތީ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ދަށުން ގާސިމަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެެއް ގާސިމަށް އަންނާނެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ޖަލު ހުކުމުގެ އަދަބު ޖޫރިމަނާ އަށް ނުވަތަ ގޭ ބަންދަށް ބަދަލު ކުރުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ،