ވެނެޒުއެލާގެ ރައީސް އަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
ވެނެޒުއެލާގެ ރައީސް އަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 1) - އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުންތަކަށް ގޮންޖެހުމަށް ފަހު ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ބޭއްވުމުން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ވެނެޒުއެލާގައި އިންތިޚާބު ނުބޭއްވުމަށް އެމެރިކާ އިން ވަނީ ކުރިން އިންޒާރުދީފަ އެވެ. އަދި އިންތިޚާބު ބޭއްވުމާ ދެކޮޅަށް އެ ގައުމުގައި ވަނީ އެތައް ދުވަހެއް ވަންދެން މުޒާހަރާތައް ކޮށްފަ އެވެ. އިންތިޚާބާ ގުޅޭ ހަމަނުޖެހުންތަކުގައި 10 މީހަކު ވަނީ މަރުވެފަ އެވެ.

މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި އޭނާގެ މުދާތައް ހިފެހެއްޓުމާއި އެމެރިކާގެ ފަރުދަކާ އެކު ނުވަތަ އެ ގައުމުގެ ކުންފުންޏަކާ އެކު ނަމަވެސް ވިޔަފާރި ކުރުން މަނާކުރުން ހިމެނެ އެވެ. އެމެރިކާ އިން ކުރިން ވެސް ވަނީ ވެނެޒުއެލާގެ އިންތިޚާބު ގަބޫލް ނުކުރާނެ ކަމަށް އަންގައިފަ އެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން ނުންޗިން ވިދާޅުވީ ގާނޫނާ ޚިލާފަށް ވެނެޒުއެލާގައި ބޭއްވި އިންތިޚާބުގެ ސަބަބުން މަދޫރޯއަކީ ޑިކްޓޭޓަރެއްކަން ކަށަވަރު ވެއްޖެ ކަމަށެވެ.

އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދެއްވަމުން މަދޫރޯ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ބިރު ނުގެންނުވޭނެ ކަމަށެވެ.

މަދޫރޯ އަކީ އެމެރިކާ އިން މިގޮތަށް ބްލެކްލިސްޓްކުރި ދުނިޔޭގެ ހަތަރު ވަނަ ލީޑަރެވެ. މީގެ ކުރިން ފިޔަވަޅު އަޅާފައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަަދު، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަދި ޒިމްބާބުވޭގެ ރައީސް ރޮޮބަޓް މުގާބޭ އެވެ.

ވެނެޒުއެލާގައި ބާއްވާ އިންތިޚާބު ހުއްޓުވުމުގެ ގޮތުން މިދިޔަ މަހު 26 ވަނަ ދުވަހު އެމެރިކާ އިން ވަނީ ވެނެޒުއެލާ ސަރުކާރުގެ 13 އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރޭގައި ދާޚިލީ ވަޒީރާއި ސިފައިންގެ ވެރިޔާ ވެސް ހިމެނެ އެވެ.

ގައުމުގެ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ބޭނުމަކީ އިދިކޮޅު ފަރާތްތަކުގެ އަތުގައި މިހާރު އޮތް އަޣުލަބިއްޔަތު ސަރުކާރަށް ހޯދުމެވެ. އޭގެ ފަހުގައި ގާނޫނު އަސާސީ އަލުން ލިޔެ މަދޫރޯ އަށް ބާރުތައް އިތުރަށް ލިބޭނެ ގޮތަށް މަގު ފަހިކުރުމެވެ.

ވެނެޒުއެލާގެ އިިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގައުމުގެ 88 ޕަސެންޓް މީހުން އިންތިޚާބު ބޮއިކޮޓްކޮށްފައިވާ ކަމަށެވެ.

މަދޫރޯ އަށް ފާޑު ވިދާޅުވާ އެ ގައުމުގެ އެޓާނީ ޖެނެރަލް ލުއިސާ އޮރްޓެގާ ވިދާޅުވީ ވޯޓަކީ މަދޫރޯގެ ޚުދުމުޚްތާރުވުމުގެ އުއްމީދު ފުރިހަމަ ކުރުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ.

ވޭތުވެދިޔަ ހަތަރު މަސް ދުވަހު ވެނެޒުއެލާގައި ހިންގި ހަމަނުޖެހުންތަކުގައި 120 މީހުން ވަނީ މަރުވެފަ އެވެ. ގައުމުގެ 30 މިލިއަން މީހުންނަށް ބޭނުންވާ އަސާސީ ތަކެތީގެ ދަތިކަން ކުރިމަތިވެ ގައުމުގެ އިގްތިސާދު ވަނީ ހީނަރުވެފަ އެވެ.