01 އޯގަސްޓް 2017 - 11:54

މާލޭގައި ޒުވާނެއްގެ ގަޔަށް ރޭ ވަޅިހަރައި މަރައިލުމާ އެކު ގިނަ ބަޔަކު ރުޅިން ކެކިގެން ދިޔަ އެވެ. ސަބަބަކީ މިއީ، ހަފުތާއެއްގެ ތެރޭގައި މިގޮތަށް ހިންގި ދެ ވަނަ ގަތުލަށް ވުމެވެ. ހުރިހާ ފާޑުކިޔުމެއް ފުލުހުންނާއި ހޯމް މިނިސްޓަރަށެވެ.

މާލޭގައި ހަމަނުޖެހުން ހިންގަން ބަޔަކު އުޅޭ ކަމަށާއި ގޭންގުތަކުގެ ހަރަކާތްތައް އިތުރުވެފައިވާ ކަން ނޫސް ބަޔާނަކުން އާއްމުންނަށް އަންގައި، އެކަން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް ވެސް ފެށި އެވެ. މި އޮޕަރޭޝަނުގައި ފުލުހުން މަގުތަކަށް ނެރެ، ސަލާމަތީ ކަންކަން ބަލަހައްޓަމުން ދަނިކޮށް ދެ ހަފުތާ ތެރޭގައި ފުލުފުލުގައި އެތައް ބައެއްގެ ގަޔަށް ވަޅި ހަރައިފި އެވެ. ހުއްޓުވުމަށް ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ.
"މަގުމަތީގައި މީހުން ކޮށައި ނަގަނީ، އަޅެއް ނުލާ، އިންޓެލް ރިޕޯޓް ހަދައިގެން ފުލުހުން ދުވެ ނަގަނީ ސިޔާސީ މީހުން ހިފައި ހައްޔަރުކުރަން. މަގުމަތި މި ވަރަށް ނާމާންވެ، ބިރުވެރި ވެފައިވާއިރު މި ކަމުގައި ހޯމް މިނިސްޓަރުގެ ހަބަރެއް ނުވޭ،" ޓުވިޓާގައި އެކަކު ލިޔެފައިވެ އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި ރޭ މަރައިލީ ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް، 25، އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކެފޭއެއްގެ ތެރޭގައި އިންދާ ވަޅި ހަރައި ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، އެވެ.
މި ދެ މަރާ ގުޅިގެން ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ދެ މަރު ވެސް ހިންގާފައި ވަނީ ސީސީޓީވީ ކެމެރާ ހިމެނޭ ސަރަހައްދެއްގައި ކަމުން، ގާތިލުން ހައްޔަރުނުކޮށް ލަސްވާތީ ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
މާލެ ތެރޭގައި މަރާމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށި އެވެ. މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު، ޖެހިގެން އައި ރޭ، ހައްޔަރު ވެސް ކުރި އެވެ.
އެ މީހުން ހައްޔަރުކޮށް، ފުލުހުން މާލެ ތެރެ ބަލަހައްޓަމުން އަންނަނިކޮށް ފުރަތަމަ މީހެއްގެ ގަޔަށް ވަޅި ޖެހީ ސުޕްރީމް ކޯޓު ކައިރިންނެވެ. އެ ސަރަހައްދަކީ ގްރީން ޒޯނެއްގެ ގޮތުގައި ހިމެނޭ އަދި ސެކިއުރިޓީ ކެމެރާތައް ހުންނަ ސަރަހައްދެކެވެ.
ގޭންގެއްގެ ބަޔަކު އެ ޒުވާނާ އަށް ހަމަލާ ދިން އިރު، ކްރިމިނަލް ކޯޓުގައި ސިޔާސީ ބޭފުޅެއްގެ ޝަރީއަތް އޮތުމުން ފުލުހުން ގެންދިޔައީ މުޅި އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އެ ރޭ ވަޅި ހެރީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
އިރުކޮޅެއް ފަހުން ހަމަ އެ ރޭ ދެ ވަނަ މާރާމާރީ ހިންގީ މާފަންނު އެލްސިއޯން ބޭކަރީ ސަރަހައްދުގަ އެވެ. އެ މަރާމާރީގައި ހަ ޒުވާނަކުު ވެގެން މީހެއްގެ ގައިގެ އަށް ތަނަކަށް ވަޅި ހެރި އެވެ. އެކަން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކު ހައްޔަރު ވެސް ކުރި އެވެ.
އެލްސިއޯން ކައިރީގައި ހަމަލާ ދިން އިރު، ހަމަ އެރޭ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ވެސް މީހަކަށް ހަމަލާ ދިނެވެ.
މާރާމާރީތައް އިތުރުވެފައި މިވަނީ، ގިނަ އަދަދަކަށް ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. މި ބޭފުޅުން ބަންދުގައި ބައިތިއްބަން ބާރު ގަދަ ހެއްކެއްގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހަޅަނީ ފުލުހުން ތައްޔާރު ކުރާ އިންޓެލް ރިޕޯޓެވެ.
ވަޅި ހަރާ މީހުން ހޯދަން ނުވަތަ އެ މީހުން ބަންދު ކޮށްފައި ބައިތިއްބަން މިފަދަ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ނުލިބެނީ ކީއްވެތޯ ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލު ކޮށްފައިވެ އެވެ.
"ސިޔާސީ ކަންކަމަށް އެކަނިތޯ އިންޓެލް ރިޕޯޓް ލިބެނީ؟ ވައްކަން ނުކުރާށޭ ބުނާ މީހާ ހައްޔަރު ކުރަންވީމަ 10 ރީމު ކަރުދާސް ފުރެންދެން އިންޓެލް ރިޕޯޓް. ވަޅި ޖެހުން ހުއްޓުވަން ވީމަ އިންޓެލް ރިޕޯޓެއް ނެތް،" ފުލުހުންނަށް ފާޑުކިޔައި ކޮށްފައިވާ ޓުވީޓެއްގައިވެ އެވެ.
ފުލުހުންނަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި، ފުލުފުލުގައި މީހުން ކަތިލާ އިރު ފުލުހުންނަށް އެކަން ނުހުއްޓުވެންވީ ސަބަބެއް ނެތެވެ. އިންޓެލް މައުލޫމާތަށް ބިނާކޮށް ސިޔާސީ މީހުން ހައްޔަރު ކޮށް، ޝަރީއަތަކާ ނުލައި ޖަލުގައި ބަންދު ކުރަމުންދާ އިރު، މާރާމާރީ ހިންގާ މީހުން ހައްޔަރު ކުރަން މާ ފަސޭހަވާނެ އެވެ. މާލޭގެ އެތައް މިތާނގައި ފުލުހުން ބަހައްޓާފައި ހުރި ސީސީޓިވީ ކެމެރާތަކަށް ވެސް އެއިން ކަމެއް ނުފެންނަނީ ހެއްޔެވެ؟