ޓެކްސް މައްސަލައިގެ ދައުވާ އަކީ އޮޅުމެއް: ރޮނާލްޑޯ
ޓެކްސް މައްސަލައިގެ ދައުވާ އަކީ އޮޅުމެއް: ރޮނާލްޑޯ

މެޑްރިޑް (އޮގަސްޓް 1) - ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ބުނެ ސްޕެއިނުގެ ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އޮޅުމެއް ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަނީ 2011 އިން 2014 އާ ދެމެދު 14.7 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތުގަ އެވެ. ދައުވާގެ ފުރަތަމަ އަޑު އެހުމަށް އިއްޔެ މެޑްރިޑްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ރޮނާލްޑޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

ރޮނާލްޑޯގެ ޓެކްސް ކަންތައްތައް ބަލަހައްޓާ ކުންފުނި ގެސްޓިފިއުޓް މެދުވެރިކޮށް އޭނާ ކޯޓަށް ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ ގަވައިދުން ޓެކްސް ދައްކަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އެކަމުގެ ހެއްކަކީ ސްޕެއިނުގެ ޓެކްސް އޮތޯރިޓީން އޭނާ އަށް ދީފައިވާ ހާއްސަ ސެޓްފިކެޓް ކަމަށެވެ.

"ޕްރޮފެޝަނަލް ކެރިއަރު މެންޗެސްޓާ ޔުނައިޓެޑްގައި 2004 ވަނަ އަހަރު ފެށި ފަހުން ޓެކްސް ކަންތައްތައް ވަރަށް ރަނގަޅަށް ފުރިހަމަ ކުރަމުން އަހަރެން މިއައީ. އެއްވެސް އިރެއްގައި ޓެކްސް އަށް މަކަރު ހަދާފައެއް ނުވާނެ. މިއީ އޮޅުމެއް،" ރޮނާލްޑޯގެ ބަޔާނުގައިވެ އެވެ.

އޭނާ ބުނީ ދައުވާގައި ބުނެފައިވާ ފައިސާ އަކީ އިމޭޖްސް ރައިޓްސް ވިއްކައިގެން އޭނާ ރެއާލަށް އައުމުގެ ކުރިން ދައްކަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ވަނީ އޭނާ ކުރިން ދައްކާފައި ކަމަށެވެ. އަދި ރެއާލަށް އައުމަށް ފަހު އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީން ބަރާބަރަށް ޓެކްސް ދައްކާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކުރެވިފައިވާ ދައުވާގައި އެއްވެސް އަސްލެއް ނެތް ކަމަށް އޭނާ ބުންޏެވެ.

އިންސާފުވެރިކަމާ އެކު މި މައްސަލައިގެ ކުރިއަށް ހުރި އަޑުއެހުންތައް ކުރިއަށްގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަށް މި މައްސަލަ އަށް ހައްލެއް ލިބުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ޓެކްސް މައްސަލައިގެ ކޯޓު އަޑު އެހުންތައް ކުރިއަށްދާތީ ރެއާލުން ވަނީ ރޮނާލްޑޯގެ ޗުއްޓީ އިތުރުކޮށްދީފަ އެވެ. އަދި ދާދި ފަހުން އެމެރިކާގައި ނިމުނު އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސެލޯނާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅުނީ ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮތުމުންނެވެ.