01 އޯގަސްޓް 2017 - 09:29

މެންޗެސްޓާ (އޮގަސްޓް 1) - ޗެލްސީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށް ދާދި ފަހުން އެ ޓީމަށް ސޮއިކުރި ސާބިއާގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ މަޓިޗް ޔުނައިޓެޑަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ގަންނަން ޔުނައިޓެޑުން ވަނީ 40 މިލިއަން ޕައުންޑް ދައްކައިފަ އެވެ. އެއާ އެކު ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރި ހަރަދު 150 މިލިއަން ޕައުންޑަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.
އެ ޓީމުން ވަނީ 90 މިލިއަން ޕައުންޑަށް އެވަޓަން އިން ރޮމެލޫ ލުކާކޫ ގަތުމުގެ އިތުރުން 39.5 މިިލިއަން ޕައުންޑަށް ބެންފީކާ އަށް ކުޅޭ ސްވިޑެންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް ގެނެސްފަ އެވެ.
މަޓިޗް ބުނީ ޔުނައިޓެޑަށް ބަދަލުވީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބިފައި އޮއްވައި ދޫކޮށްލަން ބޭނުންނުވާތީ ކަމަށެވެ.
"މޮރީނިއޯއާ އެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި އޮއްވައި ދޫކޮށްލަން އަހަރެން ބޭނުމެއް ނުވި. ޔުނައިޓެޑަކީ ބޮޑު ތާރީހެއް އޮތް ކާމިޔާބު ޓީމެއް. މި ފަދަ ޓީމެއްގެ ތާރީހުގެ ތެރެއިން ޖާގައެއް ހޯދަން ލިބިފައި މި އޮތް ފުރުސަތުގެ ބޭނުން އަހަރެން ހިފާނަން،" މަޓިޗް ބުންޏެވެ.
މޮރީނިއޯ ބުނީ މަޓިޗް ޔުނައިޓެޑަށް ބަދަލުވެވުނީ އޭނާ ދެއްކި ހިތްވަރާއި މި ޓީމަށް ކުޅެން ބޭނުންވެފައި ހުރި މިންވަރުން ކަމަށެވެ.
އުމުރުން 28 އަހަރުގެ މަޓިޗް 2009 އިން 2011 އަށް ޗެލްސީ އަށް ކުޅުނުއިރު ޗެލްސީން އޭނާ ޕޯޗުގަލްގެ ބެންފީކާ އަށް 2011 ވަނަ އަހަރު ވިއްކާލީ ޑަވިޑް ލުއިޒް ގެނައި ޑީލުގެ ތެރެއިންނެވެ. ޗެލްސީ އަށް އަލުން ގެނައީ 2014 ވަނަ އަހަރު މޮރީނިއޯ އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެކަމަކު ޗެލްސީ އަށް މޯނާކޯގެ މިޑްފީލްޑަރު ޓިމޯ ބަކަޔޯކޯ ގެނެސް އެ ޓީމުން ވަނީ މަޓިޗް ވިއްކާލަން ނިންމައިފަ އެވެ. ޗެލްސީގެ ވިސްނުން ފުރަތަމަ ހުރީ މަޓިޗް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކައިނުލުމަށެވެ. އަދި މަޓިޗް ވިއްކާލުމަށް ޔުވެންޓަސްއާ ވެސް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް މަޓިޗް ބޭނުންވީ ޔުނައިޓެޑަށް ބަދަލުވާން ކަމަަށް ވުމުން ޗެލްސީން ނިންމުން ބަދަލުކުރީ އެވެ.