އަލިފާނުގެ ހާދިސާއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
އަލިފާނުގެ ހާދިސާއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ފާހާނާއެއްގެ ތެރޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މިއީ ކަރަންޓު ޝޯޓަކުން ހިނގި ކަމެއް ނޫން ކަމަށް ސްޓެލްކޯއިން ޔަގީންކަން ދީފައިވާ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިރޭ ވަނީ ވިދާޅުވެފަ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވި ގޮތުގައި އަލިފާން ރޯވި ފާހާނާއަކީ މަޖިލީހުގެ ފިރިހެން މެމްބަރުން ބޭނުން ކުރައްވަމުން އަންނަ ތަނެކެވެ. ރޯވީ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާ އެއްޗެއްގައި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އިރުއޮއްސި ހައެއް ޖަހަނިކޮށް ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

"ސުވާލު އުފެދޭ ގޮތަކަށް ރޯވެފައި ހުރީ. ރޯވުމުގެ ސަބަބުން މަޖިލީހުގެ ތެރެއަށް ދުން އަރައި، ކަޅު ދުން އޮތީ. އަދިވެސް ސާފެއް ނުކުރޭ،" މޫސަ ވިދާޅުވި އެވެ.

މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ރިޕޯޓު ފުލުހުން ހިއްސާ ކުރުމުން އެއްޗެއް ވިދާޅުވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްދުކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ އެއީ "މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއްތޯ" ސުވާލު އުފައްދަވައިފަ އެވެ.

މޫސަ ވިދާޅުވީ މާދަމާގެ ޖަލްސާ އޮންނަ ނަމަ، އެކަން މެމްބަރުންނަށް އަންގަވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފަ އެވެ. ޖަލްސާ ފެށުމުގެ ކުރިން ވެސް ޗެމްބަރު ތެރެއަށް ސިފައިން ވެއްދުމުން އެކަމާ އިދިކޮޅު މެމްބަރުން ވަރަށް ގިނަ އިރު ވަންދެން އަޑު އުފުލި އެވެ.

މަޖިލީހުގެ ޖަލްސާ އިތުރަށް ހަލަބޮލިވީ މަސީހު ރިޔާސަތުގައި އިންނަވައި ޖަލްސާ ކުރިއަށް ގެންދަވަން އިދިކޮޅު މެމްބަރުން ދެކޮޅު ހެއްދެވުމުންނެވެ. އަދި ފުލުހުން ހައްޔަރުކުރި ހަތަރު މެމްބަރަކު ޖަލްސާއަށް ހާޒިރުނުކޮށްދިން މައްސަލާގައި ވެސް މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ.